ޚަބަރު

ހަތަރު ވަނަ އީޔޫ - މޯލްޑިވްސް ޕޮލިސީ ޑައިލޮގް ބާއްވައިފި


ރާއްޖެއާއި އީޔޫއާ ދެމެދު މަޝްވަރާކޮށް އެކިދާއިރާތަކުގެ މެދުގައި ޚިޔާލު ބަދަލުކުރުމަށް ކުރިއަށްގެންދާ 4ވަނަ އީޔޫ މޯލްޑިވްސް ޕޮލިސީ ޑައިލޮގް ބާއްވައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޑައިލޮގްގައި ރާއްޖޭގެ ފަރާތުން އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ފޮރިން މިނސްޓަރު އަބްދުﷲ ޝާހިދެވެ. އީޔޫގެ ފަރާތުން އިސްބޭފުޅަކަށް ހުންނެވީ އީޔޫއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓުން ލައި މާރގެވެ.

މިބައްދަލުވުމުގައި ރައީސް ޞާލިޙްގެ ސަރުކާރުން އިސްކަންދެއްވާ ދާއިރާތަކުން އީޔޫއާ ގުޅުން ބަދަހިކުރުމަށްވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ތަރައްޤީއާއި ޑިމޮކްރަސީ ގަވަރނަންސް އިންސާނީ ހައްޤުތައް މޫސުމީ ބަދަލުތަކާއި ސަލާމަތީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށްވަނީ މަޝްވަރާކުރައްވާފައެވެ.

ރާއްޖެއާއި އީޔޫއާދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބޭއްވި މިބައްދަލުވުމުގައި މައިގަނޑު ހަތް ދާއިރާއަކަށް ބައިވެރިންގެ މެދުގައި މަޝްވަރާކުރެއްވިއިރު މިސަރުކާރުގެ ސިޔާސަތުތަކާއި، ޤައުމު ހިންގުމުގައި އިސްކަންދޭ ކަންކަން ވަނީ ބޭރުގެ އިސްވެރިންނާ ޙިއްސާ ކުރައްވާފައެވެ.

ހަތަރުވަނަ އީޔޫ މޯލްޑިވްސް ޕޮލިސީ ޑައިލޮގް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖެއަށް ޒިޔާރަތްކުރެއްވި އީޔޫ ވަފުދުގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.