ވިޔަފާރި

އެންމެ ގިނަ ބިލިއަނަރުން އުޅެނީ ނިއު ޔޯކް ސިޓީގައި


ފޯބްސް މަޖައްލާއިން ކޮންމެ އަހަރަކު ނެރޭ ބިލިއަނަރުންގެ ލިސްޓު އާއްމުކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ ބިލިއަނަރުން އުޅެނީ އެމެރިކާގެ ނިއު ޔޯކް ސިޓީގައިކަމަށް ފޯބްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފޯބްސްއިން ނެރޭ ބިލިއަނަރުންގެ ލިސްޓުގައި މިއަހަރު 2153 މީހަކު ހިމެނޭއިރު، އޭގެ ތެރެއިން 551 މީހަކު ދިރިއުޅެނީ ދުނިޔޭގެ އެކި ޤައުމުތަކުގެ 1860 ސިޓީއެއްގެ ތެރެއިން އެންމެ 10 ސިޓީއެއްގައެވެ.

މިދިޔަ ފަސް އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އެންމެ ގިނަ ބިލިއަނަރުން އުޅޭ ސިޓީތަކުގެ ލިސްޓުގެ އެއްވަނަ ލިބެނީ އެމެރިކާގެ އެންމެ ބޮޑު ސިޓީކަމަށްވާ، ނިއު ޔޯކް ސިޓީއަށެވެ. ފޯބްސްއިން ބުނާގޮތުން ނިއުޔޯކް ސިޓީގައި 84 ބިލިއަނަރަކު ދިރިއުޅެއެވެ. ނިއު ޔޯކްގައި ދިރިއުޅޭ 84 ބިލިއަނަރުންގެ މިލްކިއްޔާތުގެ އަގު 469.7 ބިލިއަން ޑޮލަރަށް އަރައެވެ. މީގެ ތެރެއިންވެސް އެންމެ މުއްސަނދީ މީޑިއާގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ މައިކަލް ބުލޫމްބާރގްއެވެ. އޭނާގެ މިލްކިއްޔާތުގައި 55.5 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

އެންމެ ގިނަ ބިލިއަނަރުން އުޅޭ ސިޓީތަކުގެ ލިސްޓުގެ ދެވަނަ ލިބެނީ ހޮންގކޮންގއަށެވެ. ހޮންގކޮންގގައި 79 ބިލިއަނަރަކު ދިރިއުޅޭއިރު، އެމީހުންގެ މިލްކިއްޔާތުގެ އަގު 335.5 ބިލިއަން ޑޮލަރަށް އަރައެވެ. އޭގެ ތެރެއިން އެންމެ މުއްސަނދީ އޭޝިޔާގައި އެންމެ ނުފޫޒުގަދަ އެއް ވިޔަފާރިވެރިޔާކަމަށްވާ، ލި ކާ ޝިންގއެވެ. އޭނާގެ މިލްކިއްޔާތުގައި 31.7 ބިލިއަން ޑޮލަރު ހުރިއިރު، އޭނާގެ ކުންފުންޏަކީ ޓެލެކޮމިއުނިކޭޝަން، އިންފްރާސްޓްރަކްޗަރ، ހަކަތަ އަދި ރީޓެއިލްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކުންފުންޏެކެވެ.

ތިން ވަނައަށް އެންމެ ގިނަ ބިލިއަނަރުން އުޅެނީ ރަޝިޔާގެ ވެރިރަށް މޮސްކޯގައެވެ. މޮސްކޯގައި 71 ބިލިއަނަރަކު އުޅޭއިރު، މިއީ ރަޝިޔާގައި އުޅޭ ބިލިއަނަރުންގެ އާބާދީގެ 80 އިންސައްތައެވެ. އެމީހުންގެ މިލްކިއްޔާތުގެ އަގު 336.5 ބިލިއަން ޑޮލަރަށް އަރައެވެ. މޮސްކޯގައި އުޅޭ ބިލިއަނަރުންގެ ތެރެއިން އެންމެ މުއްސަނދީ މިލްކިއްޔާތުގައި 24 ބިލިއަން ޑޮލަރު ހުރި، ތެލުގެ ވިޔަފާރިކުރާ ލިއޮނިޑް މިހެލްސެންއެވެ.

ބިލިއަނަރުން އެންމެ ގިނަ ސިޓީތަކުގެ ލިސްޓުގެ 4 ވަނަ ޗައިނާގެ ވެރިރަށް ބެއިޖިންގއަށް ލިބޭއިރު، ބެއިޖިންގގައި 61 ބިލިއަނަރަކު އުޅެއެވެ. އެމީހުންގެ މިލްކިއްޔާތުގައި 193.3 ބިލިއަން ޑޮލަރު ހުރިއިރު، އޭގެ ތެރެއިން އެންމެ މުއްސަނދީ ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ވަންގ ޖިއާލިންއެވެ. އޭނާގެ މިލްކިއްޔާތުގައި 22.6 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

މިލިސްޓުގެ ފަސް ވަނަ ލިބެނީ އިނގިރޭސިވިލާތުގެ ލަންޑަނަށެވެ. ލަންޑަންގައި 55 ބިލިއަނަރުން އުޅޭއިރު، އެމީހުންގެ މިލްކިއްޔާތުގައި 226 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ބިލިއަނަރުން އެންމެ ގިނަ ސިޓީތަކުގެ 6 ވަނަ ޗައިނާގެ ޝަންގހާއީއަށް ލިބޭއިރު، 7 ވަނަ ލިބެނީ އެމެރިކާގެ ސެން ފްރެންސިސްކޯއަށެވެ. އަދި 8 ވަނަ ޗައިނާ ޝެންޒެންއަށް ލިބޭއިރު، 9 ވަނަ ވަނައިގެ އުޅެނީ ދެކުނު ކޮރެޔާގެ ވެރިރަށް ސޯލްއެވެ. ލިސްޓުގެ 10 ވަނަ ލިބެނީ އިންޑިއާގެ މުމްބާއީއަށެވެ.

ފޯބްސްއިން އެކުލަވާލާފައިވާ ބިލިއަނަރުން އެންމެ ގިނަ ސިޓީތަކުގެ ލިސްޓުގައި އެންމެ ގިނައީ ޗައިނާގެ ސިޓީތަކެވެ. ޗައިނާގެ 3 ސިޓީއެއް މިލިސްޓުގައި ހިމެނޭއިރު، އެމެރިކާގެ 2 ސިޓީއެއް ހިމެނެއެވެ.