ސިޔާސީ

ބަންދުގައި ޔާމީން ބަހައްޓަން ކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުން މާދަމާ


ޝަރީޢަތް ނިމެންދެން ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ ބޭއްވުމަށް ހައިކޯޓުން ތާވަލް ކޮށްފިއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފުގެ ޝަރީޢަތް ހައިކޯޓުގައި ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 10:00އަށެވެ. ޝަރީޢަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ 18ވަނަ ދުވަހުއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓްގައި ލޯންޑަރ ކުރެއްވިކަމުގެ ތުހުމަތެވެ. މި މައްސަލާގައި ކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ވަނީ ޝަރީޢަތް ނިމެންދެން ރައީސް ޔާމީން ހައްޔަރުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވާފައެވެ. މިގޮތަށް އަމުރުކުރެއްވީ، މިމައްސަލައިގެ ޝަރީޢަތަށް ހުށަހަޅާފައިވާ ހެކީންނަށް އެމަނިކުފާނު ނޫފުޒުފޯރުވާނެކަމަށް ޤަބޫލުކުރެވޭކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެ އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް އެދިވަޑައިގަތުމުންނެވެ.