ތަޢުލީމު

އިންޑިއާއާ ޗައިނާއިން ރާއްޖެއަށް ދިން ސްކޮލަރޝިޕްތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި


ޗައިނާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ސްކޮލަރޝިޕްތަކާއި އިންޑިއާގެ ޕީ.ސީ.ޓީ.އީ ގްރޫޕް އޮފް އިންސްޓިޓިއުޓްސްގެ ޕާރޝަލް ސްކޮލަރޝިޕްސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވަލައިފިއެވެ.

ޗައިނާގެ ސަރުކާރުން ރާއްޖޭގެ ދަރިވަރުން އެ ޤައުމުގައި ކިޔެވުމަށްޓަކައި ދީފައިވަނީ 7 ފުރުސަތެވެ. މިއީ 2019 ވަނަ އަހަރުން ފެށިގެން 2020ވަނަ އަހަރަށް ޗައިނާގައި ކިޔެވުމަށް ދީފައިވާ ފުރުޞަތުތަކެކެވެ. އޭތެރޭގައި ހިމެނެނީ ބެޗްލަރސް ޑިގްރީއަށް ކިޔެވުމުގެ 4 ފުރުޞަތާއި މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ 2 ފުރުޞަތުގެ އިތުރުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތެކެވެ.

މިއީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލުން އޮފަރކުރާ ދާއިރާތަކުގެ ތެރެއިން ސްކިލްޝޯޓޭޖް ލިސްޓްގައި ހިމެނިފައިވާ ދާއިރާތަކަށް ކިޔެވުމެވެ. މި ސްކޮލަރޝިޕްތަކަށް އެދުމުގެ ފުރުޞަތު މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ޗައިނާއިން ސްކްލަރޝިޕްތަކެއް ދީފައިވާއިރު އިންޑިއާގެ ޕީ.ސީ.ޓީ.އީ ގްރޫޕް އޮފް އިންސްޓިޓިއުޓްސްގެ ޕާރޝަލް ސްކޮލަރޝިޕުގައި ދިވެހި ދަރިވަރުންނަށް އެކި ދާއިރާތަކުން ކިޔެވުމަށްޓަކައި ފުރުޞަތުތައް ވަނީ ހުޅުވާލައިފައެވެ.

އެގޮތުން ބެޗްލަރސް ޑިގްރީއަށް ކިޔެވުމަށްޓަކައި 11 ކޯހެއް ހިމެނޭއިރު މާސްޓަރސް ފެންވަރުގެ ތިން ކޯހެއް ހިމެނެއެވެ. އިންޑިއާއިން ދިން ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހޮވާލެވޭ ބައެއް ދަރިވަރުންނަށް ޓިއުޝަން ފީގެ 100 އިންސައްތައާއި ހޮސްޓެލް ފީގެ 50 އިންސައްތަ ހިލޭ ކޮށްދީފައިވާކަމަށް ހަޔަރަ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އިންޑިއާއިން ރާއްޖެއަށް ދީފައިވާ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް އަންނަ މަހުގެ އެއް ވަނަދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ހަޔރަ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތަކީ މި ފުރުޞަތުތަކުގެ ދަށުން އެމީހަކު ބޭނުންވާ ކޯހަކާއިގުޅޭ ޝަރުތުތަކުގެ އިތުރުން، ތަޢުލީމު ހާސިލުކުރުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ، އެންމެ ފަހުގެ އެހީއަށްފަހު، އެ މިނިސްޓްރީން ކަނޑައަޅާފައިވާ ސުންގަޑިއަށް، ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެކަމަށެވެ. މި ލޯނަށް ކުރިމަތިލާ ފަރާތަކީ ކިޔެވުމަށް ލޯނެއް ނަގާފައިވާ ފަރާތެއް ނަމަ، އެ ލޯނެއް އަނބުރާ ދައްކާ ޚަލާސްކޮށްފައިވާ ފަރާތަކަށްވެސް ވާންޖެހޭނެކަމަށެވެ.

ހަޔަރ އެޑިއުކޭޝަނުން ވިދާޅުވީ އެމީހަކު ކުރިމަތިލާ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވާންޖެހޭނެ ކަމަށެވެ. އަދި އެ ބޭނުންވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ވެގެން ނުވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.