ވިޔަފާރި

ބޯޓު ވެއްޓުނު ހާދިސާއަށްފަހު ބޮއިންގެ ވިޔަފާރިއަށް އިތުރު ނުތަނަވަސްކަމެއް!


އިތިއޯޕިއަން އެއަރލައިނުގެ ފްލައިޓެއް އިއްޔެ ވެއްޓުމާއިއެކު ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި މީޑިއާގެ އެންމެ ފަލަ ސުރުހީތަކުން އެންމެބޮޑަށް ފެނިގެންދިޔައީ ބޮއިން ކުންފުންޏާއި ގުޅުންހުރި ހަބަރުތަކެވެ.

މީގެ މައިގަނޑު ސަބަބަކީ އިތިއޯޕިއަން އެއަރލައިނުގެ ވެއްޓުނު އެ ފްލައިޓަކީ ބޮއިން ކުންފުނީގެ އުފެއްދުމެކެވެ.

އިތިއޯޕިއާއިން ފުރައިގެން ކެންޔާގެ ނައިރޯބީއަށް ދަތުރުކުރި ބޮއިންގ މަރުކާގެ އެ ބޯޓު ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން އެންމެ ފާހަގަކުރެވިގެން ގޮސްފައިވަނީ، ޗައިނާގެ އުދުހުންތަކުގައި ބޭނުންކުރަމުންދާ ބޮއިންގ 800-737 މެކްސް މަރުކާގެ ހުރިހާ ބޯޓުތަކެއްގެ އުދުހުންތައް ވަގުތީގޮތުން ހުއްޓާލި ހުއްޓާލުމެވެ.

ޗައިނާއިން މި ފިޔަވަޅު އަޅާފައިވަނީ އެޤައުމުން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަނޑައަޅާފައިވާ "ޒީރޯ ޓޯލަރެންސް ޓު ސޭފްޓީ ހެޒާޑް" މި އުސޫލުގެ ދަށުންކަމަށް ޗައިނާ ސަރުކާރުން ބުނެއެވެ. އިތިއޯޕިއަން އެއަރލައިންގެ ފްލައިޓު ވެއްޓުމުގެ ހާދިސާއާއި ގުޅިގެން ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ވަނީ އިރުއޮއްސި 6 އެއްގެ ފަހުން އެޤައުމުގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަމުންދާ 800-737 މެކްސް މަރުކާގެ ހުރިހާ ފްލައިޓުތަކެއްގެ އުދުހުންތައް ހުއްޓުވުމަށް އަމުރުކޮށްފައެވެ.

މިއާއިއެކު ޗައިނާގެ އެކި އެއަރލައިންތަކުން ބޭނުންކުރާ ބޮއިންގ 800-737 މެކްސް މަރުކާގެ 97 ބޯޓުގެ އުދުހުންތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ޗައިނާގެ ސިވިލް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮއިންގް މަރުކާގެ ފްލައިޓުތަކުގެ އުދުހުންތައް އަލުން ފަށާނީ ބޮއިންގ ކުންފުނި އަދި އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންއާއި މަޝްވަރާކުރުމަށްފަހު ކަމަށެވެ.

ޗައިނާގެ މި ނިންމުމާއި ގުޅިގެން ގިނަ ފަރާތްތަކުން ވަނީ ޗައިނާއަށް ތަޢުރީފުކޮށް އެޅި މި ފިޔަވަޅާ މެދު ހިތްހަމަޖެހޭކަން ހާމަކޮށްފައެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ވީހާވެސް އަވަހަށް ދެނެގަތުމަށް ވެސް އާންމުންގެ ގިނަ ފަރާތްތަކުން ވަނީ ޝުއޫރުތައް ފާޅުކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިންޑޮނޭޝިއާ ގައިވެސް ވަނީ ބޮއިންގ މަރުކާގެ ބޯޓެއް ވެއްޓިފައިވެއެވެ. މި ހާދިސާގައި އެބޯޓުގައި ތިބި އެންމެން މަރުވެފައިވާއިރު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދިވެސް ދެނެގަނެވިފައެއް ނުވެއެވެ.
ބޮއިން ކުންފުނިން ދަނީ މި ދެ ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ތަހްޤީޤްކުރަމުންނެވެ.

އިތިއޯޕިއަން އެއަރލައިނުގެ ބޯޓު ވެއްޓުމުގެ ހާދިސާއަށްފަހު، ބޮއިން ކުންފުނިން ވަނީ، އެކުންފުނިން މާކެޓަށް ނެރުމަށް ތައްޔާރުވަމުން އަންނަ އާ ބޯޓް، ބޮއިންގ 777X އާއްމުކޮށް ދައްކާލުމަށް ބޭއްވުމަށް ހަމަޖެއްސި ހަފްލާވެސް ފަސްކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ބޮއިން ކުންފުނިން ބުނީ، ބޮއިންގ ގެ އާ ބޯޓު ދައްކާލުމަށް ޝެޑިއުލްކުރި ހަފްލާ ފަސްކުރިނަމަވެސް ބޯޓު ބާޒާރަށް ނެރުމުގެ އެއްވެސް އޮޕަރޭޝަނެއް ހުއްޓާނުލައި ކުރިއަށްދާނޭކަމަށެވެ.

އިތިއޯޕިއަން އެއަރލައިނުގެ ބޯޓު ވެއްޓުނު ހާދިސާއަށްފަހު އެ ބޯޓު އުފެއްދި ބޮއިން ކުންފުނީގެ ވިޔަފާރިއަށް ވަނީ އިތުރު ނުތަނަވަސްކަމާއި ކުރިމަތިލާންޖެހިފައެވެ. މިގޮތުން ހިއްސާގެ ބާޒާރުގައި އެކުންފުނީގެ ހިއްސާގެ އަގުތައްވެސް މިއަދު ވަނީ ވަރަށްބޮޑަށް ވެއްޓިފައެވެ.

އެމެރިކާގެ ބޮއިންގް ކުންފުންޏަކީ ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ މަތިންދާބޯޓު އުފައްދާ އެންމެބޮޑު ކުންފުންޏެވެ. ބޮއިން ކުންފުނީގެ ވިޔަފާރީގައި އެންމެބޮޑު މަޤްބޫލުކަމެއް ލިބިފައިވަނީ، އުފައްދާ 737 މެކްސް އަދި 787 މަރުކާގެ މަތިންދާބޯޓުތަކަށެވެ. މި ބޯޓުތަކުގެ ވިޔަފާރީގެ ޖުމްލަ އާމްދަނީ 100 ބިލިއަން ޑޮލަރަށް އަރާކަމަށް ބޮއިން ކުންފުނިން ބުނެއެވެ.