ޓުއަރިޒަމް

ފާރުފުށި ރިސޯޓް ހުޅުވައިފި


ޔުނިވަރސަލް އިން ރ އަތޮޅުގައި ތަރައްޤީކުރި ފާރުފުށި ރިސޯޓް ހުޅުވައިފިއެވެ.

ފާރުފުށި ރިސޯޓް ހުޅުވާފައިވަނީ މިމަހުއެވެ. މި ރިސޯޓްގައި 80 ވިލާ ހުރެއެވެ. އޭގެ ތެރޭގައި 10 ބީޗް ބަންގަލޯ އާއި ޕޫލާއެކު 27 ބީޗް ރިޓްރީޓާއި ޕޫލާއެކު 39 އޯޝަން ރިޓްރީޓާއި ޕޫލާއެކު ތިން އޯޝަން ސުއިޓް އަދި އެއް އައިލެންޑް ރެސިޑެންސް ކިޔާ ވިލާއެއް ވެސް ހުރެއެވެ.

މީގެއިތުރުން މި ރިސޯޓުގައި ޒަމާނީ ފެންވަރަށް ގުދުރަތީ ރީތި މަންޒަރުތައް ފެންނާނެހެން ހަދާފައިވާ 3 ރެސްޓޯރެންޓާއި، 2 ބާރ އެއް ހުރެއެވެ.
މި ރިސޯޓްގައި ފަތުރުވެރިންނަށް ކުރެވޭ ކޮންމެ ތަޖުރިބާއަކީވެސް ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނާނެފަދަ ގޮތަކަށް ކުރެވޭނެ ތަޖުރިބާއަކަށް ވާނޭކަމަށް އެ ރިސޯޓުން ބުނެއެވެ.

މި ރިސޯޓުގައި ވޯޓާ ސްޕޯޓްސް ހަރަކާތްތަކުގެ އިތުރުން ޑައިވް ސެންޓަރެއް ވެސް ވަނީ ތަރައްގީ ކޮށްފައެވެ.

ރިސޯޓު ހުޅުވުމާ ދިމާކޮށް 40 ޕަސެންޓް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަން ކުރިޔަށް ދާނީ މާޗު 5 އިން އޮކްޓޫބަރު 31 ގެ ނިޔަލަށެވެ. އެގޮތުން އަންނަ މަހުގެ 31 ގެ ނިޔަލަށް 40 ޕަސެންޓްގެ ޑިސްކައުންޓް ލިބޭއިރު، އެއަށް ފަހު 30 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށް އެރިސޯޓުން ބުނެ އެވެ. ފާރަފުށި ރިސޯޓަކީ ރ. އަތޮޅުގައި ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ރިސޯޓެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި މި ރިސޯޓަށް 50 މިނިޓުން ދެވޭނެއެވެ.

ޔުނިވަރސަލް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރީގައި އެންމެ ދުވަސްވީ އެއް ކުންފުންޏެވެ. މި ކުންފުނިން މިހާރުވެސް އަންނަނީ ރާއްޖޭގައި 8 ރިސޯޓެއް ހިންގަމުންނެވެ.