ޚަބަރު

ޔާމިން އެ ކްލަބުގައި އިތުރު ތިން އަހަރު މަޑުކުރަން ނިންމައިފި.


މާޒިޔާގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރާ މޫސާ ޔާމިން އެ ކްލަބުގައި އިތުރު ތިން އަހަރު މަޑުކުރަން ނިންމައިފިއެވެ. 2014 ވަނަ އަހަރުން ފެށިގެން މާޒިޔާއަށް ކުޅެމުން އަންނަ ޔާމީން އަކީ، އެޓީމުގެ މެދުތެރެއާއި ފަހަތް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ. ޔާމިންގެ ކޮންޓްރެކްޓް އާކުރިންކަން އަންގާ މާޒިޔާގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ޔާމިން ބުނެފައިވަނީ މާޒިޔާއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ މޮޅު ޓީމުކަމަށާއި، ކުރިޔަށް އޮތް ތިން އަހަރު މާޒިޔާއާއެކު އިތުރު ކާމިޔާބީތައް ހޯދަން މަސައްކަތް ކުރާނެކަމަށެއވެ. މިފަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ވަނީ ހަތަރު ކުޅުންތެރިޔަކު އެޓީމަށް ގެނެސް އިތުރު ދެ ކުޅުންތެރިއެއްގެ ކޮންޓްރެކްޓް އާކޮށްފައިއެވެ. މާޒިޔާއިން މިހާތަނަށް ގެނެސްފައިވާ ކުޅުންތެރިންނަކީ ޓީސީގައި މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި އިބްރާހިމް ވަހީދު ހަސަން، ވިކްޓްރީގެ ހުސައިން ނިހާން އަދި ނިއުގެ ހަމްޒާ މުހައްމަދު އަދި އަހުމަދު އަބްދުﷲއެވެ. މިއަހަރުގެ މެދުތެރޭގައި ޕްރިމިއަރ ލީގު ފެށުމަށް އެފްއޭއެމުން ނިންމާފައިވާއިރު، ލީގުގައި ވާދަކުރާ ކްލަބުތަކުން އަންނަނީ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުންނެވެ.