ޚަބަރު

މަޖިލިސް އިންތިޚާބު ފަސްކުރަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަނެއްކާވެސް ގޮވާލައިފި


މިނިވަން އިންސާފުވެރި ދެފުށްފެންނަ އިންތިޚާބެއް ބޭއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު
މިހާރު ބާއްވަން ނިންމާފައިވާ ތާރީޚް ފަސްކޮށްދިނުމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ވަގުތީރައީސް އަދި ރައްޔިތުންގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ ކުރީގެރައީސް ޔާމީން ހައްޔަރުގައި ބަހައްޓައިގެން މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ޢަބްދުއްރަހީމް ވިދާޅުވީ ޤާނޫނީއިމުގެ ބޭރުން ރައީސް ޔާމީން ހައްޔަރުކުރައްވާފައިވަނީ އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށާއި އެހެންވުމުން ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ބަދަލުގައި މަޖުބޫރުވެފައި ވަނީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ. އެހެންވުމުން އިންތިޚާބުގެ ކެމްޕެއިނަށް އަސަރު ފޯރާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ރައީސް ޔާމީން ހައްޔަރުކޮށްގެން އިންސާފްވެރި އިންތިޚާބެއް ނުބޭއްވޭނެ. އިންތިޚާބު ފަސްކުރަންޖެހޭ. ސަބަބެއްނެތި ރައީސް ޔާމީން ހައްޔަރުގައި ބަހައްޓައިގެން ހަމަހަމަ އިންތިޚާބެއް ނުބޭއްވޭނެ. އިންތިޚާބަށް ވހަރަކާތްތެރިވާނެ ފުރުޞަތެއް ނެތް." ޢަބްދުއްރަހީމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުޞައިން މަނިކް ވިދާޅުވީ މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރަށް ކުރެވެން ހުރި ހުރިހައި މަސައްކަތެއް ކުރާ ކަމަށާއި ރައީސް ޔާމީން ހައްޔަރުކުރައްވާފައި ވަނީ ވެސް އެގޮތުގެ މަތީން ކަމަށެވެ. އަދި ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިޚާބު ވެދާނެ ކަމުގެ ބިރު ސަރުކާރަށް އޮތުމުން ކަމަށް ނިހާން ވިދާޅުވިއެވެ.

"ނުކަސިޔާރު ނުބައި ރޭވުމެއްގައި ޕީޕީއެމާއި ޕީއެންސީގެ މެމްބަރުން ރައްޔިތުންގެ މަޖިލިސް ތެރެއަށް ވަދެފާނެ ކަމަށް ރައްޔިތުން އިންތިޚާބުކޮށްފާނެ ކަމުގެ ބިރަށް އަޅުގަނޑުމެންގެ މެމްބަރުން އިންތިޚާބު ކެމްޕެއިން ފަންޑް ފްރީޒްކޮށް. މުސްތަޝާރު ބަންދުކޮށް. އެކުރާ ހުރިހައި ކަމަކީ ދުރާލާ ރާވައިގެން ސިސްޓަމެޓިކްލީ ހިންގާ ބޮޑު ޖަރީމާއެއް." ނިހާން ވިދާޅުވިއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މީގެ ކުރިންވެސް ވަނީ މަޖިލިސް އިންތިޚާބު ފަސްކުރުމަށް ގޮވާލާފައެވެ. ނަމަވެސް ކަނޑައަޅާފައިވާ ތާރީޚްގައި މަޖިިލިސް އިންތިޚާބު ބާއްވާނެ ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ.