ވިޔަފާރި

މަންޓާ އެއަރގެ 3 ވަނަ މަތިންދާބޯޓު ރާއްޖެ ގެނެސްފި


ރާއްޖޭގެ އެތެރޭގެ އުދުހުމުގައި ހަރަކާތްތެރިވާ މަންޓާ އެއާރގެ ތިންވަނަ މަތިންދާބޯޓު ރާއްޖެ ގެނެސްފިއެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން އޮޕަރޭޓްކުރާ ތިންވަނަ އެއާރލައިން، މަންޓާ އެއަރއިން ގެނައި 3 ވަނަ މަތިންދާބޯޓަކީ ފަރަންސޭސިވިލާތުގެ މަޝްހޫރު ކުންފުނި އޭ.ޓީ.އާރުގެ އެންމެ ފަހުގެ އުފެއްދުމެކެވެ. މަންޓާ އެއަރއިން މީގެ ކުރިން ގެނެސްފައިވާ ދެ ބޯޓަކީ ވެސް އޭޓީ.އާރުގެ އެންމެފަހުގެ އުފެއްދުންތަކެވެ.

މަންޓާ އެއަރގެ ތިންވަނަ ބޯޓު "އެއިޓް ކިއު- އާރް އޭ އެކްސް" ރާއްޖެ އައުމަށް ދަތުރު ފެށީ ޑެންމާކުންނެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަންޓާ އެއަރގެ ސީއޯއޯ އެޑްވާޑް އެލްސްފޯޑް ވިދާޅުވީ މަންޓާ އެއަރގެ ތިން ވަނަ އެއަރކްރާފްޓް ރާއްޖެ ގެނައުމާއެކު އެ އަރލައިންގެ އޮޕަރޭޝަންތައް އިތުރަށް ފުޅާވެގެންދާނެކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އޭވިއޭޝަން ދާއިރާ އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް ވެސް އެނާ ފާހަގަކުރެއްވިއެވެ.

މަންޓާ އެއަރގެ ތިންވަނަ އެއަރކްރާފްޓް ރާއްޖެ ގެނައުމަށްޓަކައި ބޭއްވި ހަފްލާގައި އެކުންފުނިން ވަނީ ރާއްޖޭގެ 5 ސީޕްލޭން ޕައިލެޓުންނަށް އޭ.ޓީ.އާރުގެ އެންމެފަހުގެ މަތިންދާބޯޓު ދުއްވުމަށް ޓްރެއިންގ ދިނުމަށް ޚާއްސަ ސްޕޮންސަރޝިޕެއް ހަދިޔާކޮށްފައެވެ.

މަންޓާ އެއަރގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހުއެވެ. މި އެއަރލައިންގެ އުދުހުންތައް މިވަގުތު ބާއްވަމުން އަންނަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދ. ކުޑަހުވަދޫ އެއަރޕޯޓަށް އެކަންޏެވެ. އެގޮތުން ކޮންމެ ދުވަހަކު 4 ދަތުރުކުރާއިރު މަންޓާ އެއަރއިން ދަނީ ބ. ދަރަވަންދޫއަށް ވެސް ދަތުރު ފެށުމަށް ތައްޔާރުވަމުންނެވެ. މީގެ އިތުރުން އެއަރލައިންގެ ތިންވަނަ ބޯޓާއެކު ރާއްޖޭގެ ދެކުނަށް ދަތުރު ފަށަން ތައްޔާރުވެފައިވާކަމަށް މަންޓާއިން ބުނެއެވެ.

ވައިގެ ދަތުރުތަކަށް މަތިންދާބޯޓުގެ އިތުރުން ސީޕްލޭންގެ ދަތުރުތައް ފެށުމަށް ވެސް މަންޓާ އެއަރއިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން 6 ސީޕްލޭން ރާއްޖެއަށް ގެންނަން ހަމަޖެހިފައިވާއިރު މި ސީޕްލޭންގެ ދަތުރުތައް މިއަހަރު ފަށާނެކަމަށް މަންޓާއިން ބުނެއެވެ.

މަންޓާ އެއަރއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ޚިދުމަތްދޭން ފެށި ތިންވަނަ އެއާރލައިނަށް ވާއިރު މިވަގުތު އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވަނީ ޤައުމީ އެއާރލައިން މޯލްޑިވިއަންގެ އިތުރުން ފްލައިމީއެވެ.