ތަރައްްޤީ

ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށުގައި ޢިމާރާތް ކުރަންވީގޮތުގެ ގަވާއިދެއް އެކުލަވާލައިފި


ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި ޢިމާރާތް ކުރަންވީގޮތުގެ ގަވާއިދެއް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެކުލަވާލައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ، އެފަދަ ޤަވާއިދެއް އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި ޢިމާރާތްކުރެވޭ އުސްމިން ކަނޑައެޅުމުގައި ގެންގުޅޭނެ މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ޢިމާރާތްތަކަކީ ރައްކާތެރި، ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިކޮށްދޭގޮތަށް ފަރުމާކޮށްފައިވާ ޢިމާރާތްތަކަކަށް ހެދުންކަމަށެވެ.

އެ ގަވާއިދުގައި ކުރަން ޖެހޭނެ ކަމަށް ކަނޑައަޅައިފައިވާ ކަމެއް ނުކޮށް ދޫކޮށްލުމަކީ މަނާކަމެއްކަމަށާއި، އަދި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަމަކާއި ޚިލާފުވެއްޖެކަން އެއްވެސް ފަރާތަކަށް ފާހަގަކުރެވިއްޖެނަމަ، އެކަން ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަށް އަންގަންވާނެކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެކަމުގެ ކުޑަބޮޑުމިނަށް ބަލައި އެކަމެއް ރަނގަޅު ކުރުމަށް މުއްދަތު ދިނުމަށްފަހު އެކަން އެންގުމާއެކު، ގަވާއިދާ ޚިލާފުވި ކޮންމެ ކަމަކަށް ވަކިން އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

އަލަށް އެކުލަވާލި ގަވާއިދުގައިވާ ގޮތުގެމަތިން، ސިޓީގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށްތައް ފިޔަވައި އެހެން ރަށްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗާއި، އެކިއެކި ބޭނުމަށް ސަރުކާރުން ތަރައްޤީ ކުރުމަށް ދޫކުރާ ބިންބިމާއި، ސިނާއީ ސަރަހައްދުގެ ގޮތުގައި ނުވަތަ އިޤްތިޞާދީ ސަރަހައްދުގެ ގޮތުގައި ކަނޑައަޅައިފައިވާ ބިންބިމާއި، މީހުން ދިރިއުޅޭ ރަށްތައް ފިޔަވައި އެހެނިހެން ރަށްތަކާއި، ފަޅުތަކުގައި ކުރެވޭ ޢިމާރާތް ފަރުމާކުރަންވާނީ މިނިސްޓްރީން
ޑިވެލޮޕްމަންޓް ކޮންޓްރޯލް ހޯދުމަށްފަހު، އެ ކަނޑައަޅާ ޑިވެލޮޕްމަންޓް ކޮންޓްރޯލާ އެއްގޮތަށެވެ. ޑިވެލޮޕްމަންޓް ކޮންޓްރޯލް އެކުލަވާލާފައިވަނީ އިމާރާތުގެ އުސްމިނާއި ހުސްޖާގައާ ޕާކިންގ ފަދަ ކަންކަމަށް ކަނޑައަޅައިފައިވާ މިންގަނޑުތައް ހިމެނޭހެނެވެ.

މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ސިޓީގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށްތައް ފިޔަވައި، އެހެން ރަށްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއްގައި ޢިމާރާތް ކުރާއިރު، ދުވާރުން ފެށިގެން ރޫފްބީމް ނުވަތަ ޓެރަސް ސްލެބް ނުވަތަ ޑެކުގެ މަތީކައިރިއާ ހަމައަށް ޢިމާރާތް ކުރެވޭނެ އުސްމިން އަލަށް އެކުލަވާލި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ ޢިމާރާތުގެ ފުޓްޕްރިންޓް އެއްހާސް ދުއިސައްތަ އަކަފޫޓު ހުންނަ ނަމަ، ނުވަތަ އެއަށްވުރެ ބޮޑުނަމަ އިމާރާތުގެ ފުޓްޕްރިންޓުގެ ދިހައެއް އިންސައްތަ ހިޔާނުކޮށް ހުސްޖާގައެއްގެ ގޮތުގައި ދޫކުރަންވާނެކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ. ހަމައެހެންމެ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ ޢިމާރާތުގައި ރެއިލިންގ ނުވަތަ ޗެންޗޭނާއި ކުޑަދޮރުގައި ހުންނަންވާނެ މިންގަނޑުތައްވެސް ވަނީ ބަޔާންކޮށްފައެވެ.

އަލަށް އެކުލަވާލި ގަވާއިދަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ގެޒެޓުގައި ޝާއިޢުކުރާ
ތާރީޚުން ފެށިގެން ދެމަސް ފަހުންނެވެ.