ސިޔާސީ

ޖޭޕީގެ ސްލޮޓުގައި މިނިސްޓަރުންގެ މަޤާމުގައި ތިއްބެވި ބޭފުޅުން ސަރުކާރު ދިފާޢު ކުރުމަށް އަތުކުރި އޮޅާލައިގެން


ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ދިފާޢު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި އަދި އިދިކޮޅު ޕީޕީއެމްއާ ޕީއެންސީއާ ގުޅިގެން ދުވަހަކުވެސް މަސައްކަތް ނުކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓުތަކުގައި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ވިދާޅުވެއްޖެއެވެ.

ޖޭޕީގެ އިސް މަޤާމުތަކާއި އަދި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރޝިޕުން މިފަހަކަށް އައިސް ސަރުކާރާއި، ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ލީޑަރޝިޕަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ޖޭޕީގެ ލީޑަރ ޤާސިމް އިބްރާޙީމް ވަނީ ރޭ އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ސަރުކާރާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފާއިތުވި ދުވަސްތަކުގައި ހިނގާފައި ވަނީ ރިޔާސީ އިންތިހާބުގައި ވައުދުވީ ގޮތަށް ނޫން ކަަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ ޤާސިމް ވިދާޅުވީ ޤާނޫނު އަސާސީއާ ޚިލާފަށް މަޖިލިސް ނުހިންގޭނެ ކަމަށެވެ. ޤާސިމް ވިދާޅުވީ މަޖިލީހުގައި އެހާ ގިނަ ދުވަހު ރައީސް ޞާލިޙު އުޅުއްވިއިރު އެފަދަ ވާހަކަފުޅެއް ވިދާޅުވުމުން ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.

މީގެއިތުރުން ޖޭޕީން ވަނީ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން މަޖިލީހަށް ވާދަކުރާ ފަރާތްތަކަށް އެޕާޓީން ތާޢީދުކުރާކަންވެސް ހާމަކުރައްވާ އެކަން އިޢުލާންކޮށްފައެވެ.
ޖޭޕީ ލީޑަރޝިޕުގެ ޢަމަލުތައް އެފަދައިން ހުރިނަމަވެސް އެޕާޓީގެ ސްލޮޓުތަކުގައި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އަންނަނީ ނުސީދާ ގޮތަކަށް ޖޭޕީގެ ޢަމަލުތައް ކުށްވެރިކޮށްފައެވެ. އަދި ސަރުކާރު ދިފާޢު ކުރުމަށް ކުރަންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.

އެގޮތުން އެންވަޔަރަމަންޓް މިނިސްޓަރ އަދި ޖޭޕީގެ ކުރީގެ އެކްޓިންގ ލީޑަރ ޑރ. ޙުޞައިން ރަޝީދު ޙަޞަން ރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޖޭޕީގެ އަސްލު މެންބަރުން ޕީޕީއެމް އަދި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރު ކޯލިޝަނަކީ އުވިގެންދާނެ ކޯލިޝަނެއް ނޫން ކަމަށާއި ވީހާލެއްގައި ވެގެންވެސް ރައީސް ޞާލިޙުގެ ސަރުކާރު ދިފާޢު ކުރަން ކޯލިޝަންގެ ބައިވެރިން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރު ކަމަށް ޢައްޔަން ކުރައްވާފައިވާ ޖޭޕީގެ ރައީސް އަލީ ވަޙީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތްﷲ ގަންދީ ޙުވާކޮށްެގެން ތިއްބެވީ ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމާއި ރައީސް ޞާލިޙަށް އިޚްލާސްތެރިކަމާއި އެކު ވަފާތެރިވުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއާ އިޞްލާޙީ މަސައްކަތުގައި ޤުރުބާންވި ޖުމްހޫރީ ޕާޓީއާ އަދާލަތު ޕާޓީ އަދި އެމްއާރްއެމްގެ މެންބަރުންތައް ދޫކޮށް ޕީޕީއެމް، ޕީއެންސީގެ ފިކުރާ ގުޅިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރު ދިފާޢު ކުރައްވާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރޝިޕުން ސަރުކާރާއި، ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ފާޑުކިޔަމުން އަންނައިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު، މަހަކު އެއްފަހަރު ބާއްވަން އެއްބަސްވެވަޑައިގެންނެވި ލީޑަރުންގެ ބައްދަލުވުން ނުބޭއްވޭތާ ދެމަސް ދުވަސް ވަނީ ވެފައެވެ.