ޓުއަރިޒަމް

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ދަރިވަރު ޕްރޮގުރާމުން 6 ކުއްޖަކު ދަސްވެނިވެއްޖެ


ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން "ދަރިވަރު ޕްރޮގުރާމް" ގެ ނަމުގައި ހިންގި އެޕްރެންޓިޝިޕް ޕްރޮގުރާމުން 6 ކުއްޖަކު ދަސްވެނިވެއްޖެއެވެ.

މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހި ޒުވާނުންނެރެ އެމީހުންނަށް ތަމްރީން ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ޕްރޮގުރާމެއްކަމަށް އެ ރިސޯޓުން ބުނެއެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއެވެ. މި ރަސްމިއްޔާތުގައި އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރ ޖޭން ޓިބަލްޑި އާއި އެޗްއާރު ޑައިރެކްޓަރުގެ އިތުރުން ރިސޯޓުގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ޒުވާނުން ތަމްރީނުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަވާފައެވެ.

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުން ދަސްވެނިވި 5 ކުއްޖަކަށް އެ ރިސޯޓުގައި މަސައްކަތްކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

މިއީ ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާއަށް ނެރުމަށް ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން މި ޕްރޮގުރާމް ހިންގި 5 ވަނަ ފަހަރެވެ. މި ޕްރޮގުރާމް ފުރިހަމަކުރި ބައިވެރިން ރިސޯޓުގެ ހުރިހާ ޑިޕާރޓްމަންޓްތަކެއްގައިވެސް މަސައްކަތްކޮށް އަމަލީ ތަޖުރިބާ ހޯދާފައިވާކަމަށް އެ ރިސޯޓުން މައުލޫމާތުދެއެވެ. "ދަރިވަރު ޕްރޮގުރާމް" ގެ ދަށުން ރީތިރަށް ރިސޯޓުން މިހާތަނަށް 50 ކުދިން ވަނީ ތަމްރީންކޮށްފައެވެ.