ޚަބަރު

އަޙުމަދު އިމާޒް ދަ ގްރާންޑޭއަށް !


މާޒިޔާގެ ކުޅުނު ފޯވާޑް އަހުމަދު އިމާޒް އަލަށް ޕްރޮމޯޓްވި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެއެވެ.

އިމާޒްއަކީ ދަ ގްރާންޑޭ އަށް ބަދަލުވި ސީނިއާ ގައުމީ ޓީމުގެ ފުރަތަމަ ކުޅުންތެރިޔާއެވެ. އާ ސީޒަނަށް އެޓީމު ވަރުގަދަ ކުރުމަށް ކުރިން ގައުމީ ޓީމުގައި ކުޅުނު ބައެއް ކުޅުންތެރިންވެސް އެޓީމަށްވަނީ ގެންގޮސްފައެވެ.

ހދ. ނޭކުރެންދޫ އަށް އުފަން އާއްކޮ ފުޓްބޯޅަ ކެރިއަރު ފެށީ 2011 ވަނަ އަހަރު ކްލަބް އީގަލްސް އިންނެވެ. އީގަލްސްގައި ތިން ސީޒަން ހޭދަކުރުމަށްފަހު އިމާޒް މާޒިޔާއަށް ބަދަލުވީ 2015 އަހަރުއެވެ. ވޭތުވެދިޔަ އަހަރުތަކުގައި މާޒިޔާއިން ހޯދި ކާމިޔާބީތަކުގައި އިމާޒް ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އިމާޒް ފުޓްބޯޅަ ކެރިއަރު ފަށައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޒުވާން ގައުމީ ޓީމުންނާއީ ސީނިއާ ގައުމީ ޓީމުންވެސް ޖާގަ ހޯދިއެވެ.

އިމާޒްގެ އިތުރުން ދަ ގްރާންޑޭ އިން ވަނީ މާޒިޔާ އަށް ކުޅުނު މިޑްފީލްޑަރު ޔަސްފާދު ހަބީބު އާއި ނިއުރޭޑިއަންޓުގެ ޑިފެންޑަރު މުހައްމަދު ރަޝީދު ގެ ސޮއި ވެސް ހޯދައިފައެވެ. ޔަސްފާދު އާއި މުހައްމަދު ރަޝީދު އަކީވެސް ކުރިން ސީނިއާ ގައުމީ ޓީމަށް ކުޅެފައިވާ ދެ ކުޅުންތެރިންނެވެ.

މިއަހަރުގެ މެދުތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ގިނަ ކްލަބްތަކުން އަންނަނީ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްގެންދަމުންނެވެ.