ޚަބަރު

މިރެއިން ފެށިގެން ބުރިޖާއި ހައިވޭ މަތީގައި ހެލްމެޓު އެޅުން މަޖުބޫރުވާނެ


ބުރިޖާއި ހައިވޭ މަތީގައި ހެލްމެޓު އެޅުން މަޖުބޫރުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ނިންމާފައިވާއިރު މިރޭ 12 އިން ފެށިގެން މިޤަވާއިދަށް ޢަމަލުކުރަން ފަށާނެއެެވެ. މި ޤަވާއިދަށް އަމަލުކުރަމް ފެށުމުގެ ކުރިން ޓްރާންސްޕޯތް މިނިސްޓްރީން ވަނީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ޕްރޮގްރާމްތަކެއްވެސް ކުރިއަށްގެންގޮސްފައެވެ.

ބުރިޖާއި ހައިވޭ މަތީގައި ހެލްމެޓު އެޅުން މަޖުބޫރުކުރަން ނިންމައި އެކަމާ ގުޅޭ ޤަވާއިދަށް އަމަލުކުރަން މިރޭ ފަށާއިރު މިކަން ބެލުމަށް ފުލުހުން ދަނީ ޚާއްޞަ މަސައްކަތްތަކެއްވެސް ފަށާފައެވެ. އެގޮތުން މިރޭ 12އިން ފެށިގެން ބްރިޖާއި ރިންގް ރޯޑާއި ބްރިޖު ހައިވޭ ސަރަޙައްދުގައި ފުލުހުން ޙަރަކާތްތެރިވަމުން ދާނެއެވެ.

މިރެއިން ފެށިގެން ހެލްމެޓު އެޅުން މަޖުބޫރުނަމަވެސް ހެލްމެޓު ނާޅާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުން ފެށިގެންކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވެއެވެ. މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ، ހެލްމެޓު އެޅުން މަޖުބޫރުކުރަން ނިންމުމާ ގުޅިގެން އާންމުން ހޯދާފައިވާ ބައެއް ހެލްމެޓްތަކަކީ ޓްރާންސްޕޯޓް ޤަވާއިދަށް ނުފެތޭ ހެލްމެޓްތަކަކަށްވުމުން، އާންމުންނަށް އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށް މަސައްކަތްކޮށް އެކްސިޑެންޓުތަކާއި މެދު ޢާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތް ޓްރާންސްޕޯޓު އޮތޯރިޓީން އަންނަނީ ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ 5000 ހެލްމެޓު ބެހުމުގެ މަސައްކަތްވެސް ޓްރާންސްޕޯޓު މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް މާލޭގައި ބަހަން ހަމަޖެހިފައިވާ 2500 ހެލްމެޓު ބަހާ ނިމިފައިވާއިރު ވީއެންމެ އަވަހަކަށް އައްޑުއާއި ލ.ގަމުގައި ހެލްމެޓު ބެހުމުގެ މަސައްކަތް ފަށަން މަސައްކަތްކުރަމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

ހެލެމްޓު އެޅުން މިރެއިން ފެށިގެން ބުރިޖުމަތީގައި މަޖުބޫރުކުރާއިރު އައްޑޫ ސިޓީ ލިންކު ރޯޑުގައި 2010 ވަނަ އަހަރުން ފެށިގެން އަންނަނީ ހެލްމެޓު މަޖުބޫރުކޮށްގެން ބޭނުން ކުރަމުންނެވެ. އެހެން ނަމަވެސް ގަވާއިދުގައި ބަޔާންކޮށްފައިވާ ބާރުމިނުގައި ދުއްވުމުގެ ހުއްދަ އޮތް ސަރަޙައްދުތަކުގެ ތެރެއިން ލ.ގަމުގައި އަދި ހެލްމެޓު އަޅަން ފަށާފައެއް ނުވެއެވެ.