ތަރައްްޤީ

އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ހަނދާނީ މޮނިއުމަންޓްއެއް ހުޅުވައިފި


ބ.އޭދަފުއްޓަށް މީހުން ބަދަލު ކުރިތާ 50 އަހަރު ފާހަގަކުރުމުގެ ގޮތުން ހަދާފައިވާ ހަނދާނީ މޮނިއުމަންޓެއް ހުޅުވައިފިއެވެ.

މި މޮނިއުމަންޓް ހުޅުއްވައި ދެއްވީ ބ.އޭދަފުށީ ޖަމްއިއްޔަތުލް ވަފާގެ ރައީސް އަޙްމަދު އަންވަރެވެ. އޭދަފުއްޓަށް މީހުން ބަދަލު ކުރިތާ 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ރޭވަނީ ހަވާވެސް އަރުވާފައެވެ. މިހަރަކާތްތައް ފަށާފައިވަނީ ހުކުރު ދުވަހުގެ ފަތިސްނަމާދައްފަހު ކުރެވުނު ޚާއްސަ ދުއާއަކުންނެވެ.

ކުޅިވަރުތައް ފެށުމަށް ބޭއްވި ޙަރަކާތުގައި ވަނީ އޭދަފުއްޓަށް މީހުން ބަދަލުކުރި މާއްޑޫ އާއި އުނޑޫދުއާއި ފުނަދޫގެ މީހުން އެރަށަށް ބަދަލުކުރި އަހަރު އުފަންވި މީހުންނާއެކު އެކަން ފާހަގަކުރުމުގެ ގޮތުން ކޭކު ފެޅުންވެސް ކުރިއަށް ގެންގޮސްފައެވެ.

އޭދަފުއްޓަށް މީހުން ބަދަލު ކުރިތާ 50 އަހަރު ފުރުމުގެ ގޮތުން ހަފްތާއަކަށް ދިގުދެމިގެންދާގޮތަށް ކުރިއަށްގެންދާ މި ކުޅިވަރު އީދުގައި އޭދަފުށީގައިހުންނަ ސަރުކާރު މުއައްސަސާ ތަކުގެ އިސްވެރިންނާއި އޭދަފުށީގެ ރައްޔިތުން ދަނީ ބައިވެރިވަމުންނެވެ. 50 އަހަރު ފުރުމާ ގުޅުވައިގެން ބާއްވާ ޙާއްސަ ޖަލްސާ އޮންނާނީ މިމަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ ރޭގައެވެ. މި ޖަލްސާގައި އޭދަފުއްޓަށް މީހުން ބަދަލުކުރުމުގައި، އޭރުގެ ސަރުކާރުގެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅުން ބައިވެރިވާނެއެވެ.

މި ޖަލްސާގައި މީހުން ބަދަލު ކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ އަގު ވަޒަަންކޮށް މި ތިންރަށުގެ މީހުންގެ ފަރާތުން އަރުވާ ޙާއްސަ އައްޑަނަ އެރުވުންވެސް އޮންނާނެއެވެ. އަދި މި ޙަރަކާތުގެ ލޯގޯ ޑިޒައިން ކޮށްދިން ފަރާތައް ހަނދާނީ ފިލާ ހަވާލު ކުރާގޮތައްވެސް ވަނީ ހަމަޖެހިފައެވެ.

ޒުވާނުންނާ އުމުރުން ދުވަސްވީ މިހުންނާއި ކުޑުދިންނަށް ބައިވެރިވެވޭ ގޮތައް ކުރިއަށްގެންދާ މި ކުޅިވަރު އީދުގައި މިއަދު ޝަގާފީ ޙަރަކާތްތައްވެސް ކުރިއަށްދާނެއެވެ. އޭދަފުއްޓަށް މީހުން ބަދަލުކޮށްފައިވަނީ 1968 ވަނަ އަހަރު، ހުކުރު ހަމަނުވާ ކޮންމެ ރަށަކީ ފަޅު ރަށެއްކަމުގައި އޭރު އޮތް ސަރުކާރުން ހަމަޖެއްސުމާ ގުޅިގެންނެވެ.