ޚަބަރު

ރައީސް ޔާމީނަށް ނުބައި އެއްޗެއް ކާން ދިންކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް އެންއައިސީން ދޮގުކުރައްވައިފި


ދައުލަތުން ދައުވާކުރާ މަނީލޯންޑަރިން މައްސަލައިގެ ޝަރީއަތް ނިމެންދެން ކޯޓު އަމުއްރެގެދަށުން ބަންދުކޮށްފައިވާ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ނުބައި އެއްޗެއް ކާންދީފައިވާ ކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އިން ދޮގުކުރައްވައިފިއެވެ.

މިކަން ދޮގު ކުރައްވާ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން، އެންއައިސީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ރައީސް ޔާމީނަށް ނުބައި އެއްޗެއް ކާންދީފައިވާ ކަމަށް ބުނެ އެމަނިކުފާނުގެ އާއިލާއާ ހަވާލާދީ މީޑިއާގައި ފެތުރި ޚަބަރަކީ ދޮގެއް ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.

އެންއައިސީން ވިދާޅުވީ އެކަމާ ގުޅޭ މަޢުލޫމާތު އޮޅުންފިލުވުމަށް އެ ކޮމިޝަނުގެ ފަރާތުން ރައީސް ޔާމީނާއި ބައްދަލުކުރެއްވުމުން އެފަދަ ކަމެއް ދިމާވި ވާހަކައެއް ވިދާޅުވެފައި ނުވާ ކަމަށާ އަދި އެފަދަ ކަމަކާ ގުޅިގެން ޑޮކްޓަރަށް ދެއްކެވި ވާހަކަވެސް ވިދާޅުވެފައި ނުވާކަމަށެވެ.

އެންއައިސީން ވިދާޅުވީ ރައީސް ޔާމީންގެ ފަރިއްކޮޅުގެ ކަންކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރިއަށް ގެންދަވަނީ ރަނގަޅަށް ކަމަށާއި އެމަނިކުފާނުގެ އާއިލާއާ ހަވާލާދެއްވައި މީޑިއާގައި ފެތުރި ޚަބަރަކީ އާންމުންގެ މެދުގައި ކަންބޮޑުވުމާއި ނުތަނަވަސްކަން އުފޭދޭ ޒާތުގެ ޚަބަރެއް ކަމަށް ދެކޭކަމަށެވެ.

"އެމަނިކުފާނުގެ އާއިލާއަށް އެފަދަ ކަމެއް އެގިވަޑައެއް ނުގަންނަވާ. ފަރިއްކޮޅުގެ ކަންކަން ކަރެކްޝަނުން ކުރިއަށް ގެންދަވާ ގޮތް ރަނގަޅު ކަމަށް އަދި އެކަމާ ޝަކުވާއެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައި. މީޑިއާގައި ޢާއްމުވެފައި ވަނީ ޙަޤީޤަތާ ޚިލާފު ދޮގު ޚަބަރެއްކަމުގައި ދެކެން." އެންއައިސީން ވިދާޅުވެއެވެ.

އެންއައިސީން ވަނީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ބޭނުންވާނެ ޤާނޫނީ ރައްކާތެރިކަން ލިބިދިނުމާއި އެފަދަ މުވައްޒަފުންގެ ޚިދުމަތާ ބެހޭ ގޮތުން ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަޤީންކަން އިތުރުކުރުމަކީ އެކޮމިޝަނުގެ މަޤްޞަދެއް ކަމަށް ވިދާޅުވެފައެވެ. އަދި ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާމެދު އިތުބާރު ކުޑަވާގޮތަށް ޚަބަރު ފެތުރުމަކީ ކަންބޮޑުވާކަމެއް ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.