ޚަބަރު

ރިސޯޓްތަކަށް އަންހެން މުއައްޒަފުން ލިބުމުގެ ދަތިކަން ބޮޑު - ސަން އައިލެންޑް


ރިސޯޓް ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް ގިނަ ނަމަވެސް އަންހެން މުއައްޒަފުން މި ދާއިރަށް ނުލިބުމުގެ ދަތިކަން އަދިވެސް ވަރަށް ބޮޑަށް އެބައޮތްކަމަށް ސަން އައިލެންޑް ރިސޯޓުން ބުނެފިއެވެ.
މި ދާއިރާއަށް އަންހެން މުއައްޒަފުންގެ މުހިންމުކަން އަންގައިދީ، އަންހެނުން ބާރުވެރިކުރުވުމަށް ބާރުއެޅުމަށް ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ސަން އައިލެންޑުން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.

ރިސޯޓްދާއިރާގައި އަންހެން މުއައްޒަފުން މަދުވުމާއި، އަދި އަންހެން މުއައްޒަފުން ލިބިމުގެ ދަތިކަމަކީ، މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުންވެސް އަބަދުވެސް ފާހަގަކުރާ ކަމެކެވެ. އެހެންކަމާއިއެކު ރިސޯޓްތަކުގައި މަސައްކަތް ކުރާ އަންހެނުންގެ ނިސްބަތް، ފިރިހެން މުއައްޒަފުންނާއި އަޅާބަލާފައި ވަރަށް ބޮޑުތަން މަދެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ސަން އައިލެންޑް ރިސޯޓުން ބޭއްވި ހަރަކާތްތަކަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ސަން އައިލެންޑް ރިސޯޓްސް އެންޑް ސްޕާގެ، ހިއުމަން ރިސޯސް މެނޭޖަރ އަބޫބަކުރު ޤާސިމް ވިދާޅުވީ އެ ރިސޯޓުގެ ހުރިހާ ދާއިރާތަކުގައިވެސް އަންހެނުންނަށް ފުރުސަތުތައް އެބައޮތްކަމަށެވެ. އަދި ރިސޯޓުތަކުގައި މަސައްކަތްކުރުމަށް، އަންހެނުންނަށް އެންމެ އެކަށީގެންވާ މާޙައުލެއް ޤާއިމުކޮށްފައި އޮންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އެއް ހާހަށްވުރެ ގިނަ މުއައްޒަފުން މަސައްކަތްކުރާ ސަން އައިލެންޑް ރިސޯޓުގެ އަންހެން މުއައްޒަފުން ހިއްސާއަކީ 9 އިންސައްތައެވެ. މީގެ ތެރެއިން ދިވެހި އަންހެން މުއައްޒަފުންގެ ހިއްސާއަކީ އެންމެ 3 އިންސައްތައެވެ.

"ރިސޯޓްގައި މިހާރުވެސް އެފް އެންޑް ބީ، ގެސްޓް ސަރވިސް، ފްރަންޓް އޮފީސް، ހައުސް ކީޕިންގގަވެސް އަންހެނުން މަސައްކަތް ކުރޭ. ވަރަށް ބޮޑަށް ބާރުއަޅަން މި ރިސޯޓުގެ ވަޒީފާތަކާއި ގިނަ އަންހެން ބޭފުޅުން ގުޅުމަށް" ސަން އައިލެންޑް ރިސޯޓްސް އެންޑް ސްޕާގެ، ހިއުމަން ރިސޯސް މެނޭޖަރު އަބޫބަކުރު ޤާސިމް ވިދާޅުވިއެވެ.

އަބޫބަކުރު ޤާސިމް ވިދާޅުވީ އަންހެން މުއައްޒަފުންނަށް ޚާއްސަކޮށްގެން އެ ރިސޯޓްގައި ގިނަ ޚިދުމަތްތަކެއް ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން އަންހެން މުއައްޒަފުންނަށް ޚާއްސަ އެކަމަޑޭޝަން ބްލޮކާއި، ރެސްޓޯރަންޓް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. ސަން އައިލެންޑުން ވަނީ އަންހެނުން ސިއްޙަތަށްދޭ ސަމާލުކަން އިތުރުކުރުމަށް، އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކަނބަލުންނަށް ޚާއްސަ ޖިމެއްވެސް ހުޅުވާފައެވެ.

އަދި އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ސަން އައިލެންޑުން ވަނީ އެ ރިސޯޓުގެ އަންހެން މުއައްޒަފުންގެ ޓީމަކާއި، އ.ދ ދިއްދޫ ޓީމަކާއި ދެމެދު ވޮލީ މެޗެއްވެސް ކުޅެފައެވެ.

ސަން އައިލެންޑް ރިސޯޓަކީ ރާއްޖޭގައި މިވަގުތު ހިންގާ ރިސޯޓްތަކުގެތެރެއިން އެންމެ ގިނަ ގެސްޓް ރޫމްތައް ހިމެނޭ އެއް ރިސޯޓެވެ. އެ ރިސޯޓުން ޚިދުމަތްދޭތާ މިހާރުވަނީ 21 އަހަރު ވެފައެވެ.