ޚަބަރު

އިޢާދަކުރެނިވި ހަކަތަ ބޭނުންކޮއްގެން ރާއްޖޭގެ 25 މިސްކިތެއް އޭސީކުރަނީ


ޢިއާދަކުރެނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ މިސްކިއްތައް އޭސީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 25 މިސްކިތެއްގައި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިޢާދަކުރެނިވި ހަކަތަ ބޭނުންކޮއްގެން މިސްކިއްތައް އޭސީ ކުރުމުގެ މަޝްރޫއު ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100ދުވަހުގެ ވަޢުދުފުޅެކެވެ.

އިސްލާމިކް މިނިސްޓްރީގެ މަސައްކަތުގެ ތެރެއިން، މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު އަޙްމަދުﷲ ޖަމީލް ވިދާޅުވީ، އިޢާދަކުރެނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ ހުރިހައި މިސްކިތެއް އެއަރކޮންޑިޝަން ކުރުމުގެ ވަޢުދުފުޅު ފުރިހަމަކުރަން ޖުމުލަ ހަސަތޭކަ މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބެލެވޭކަމަށެވެ.

މި ވަޢުދު ފުރިހަމަކުރުމަށް މިސްކިތްތަކުގައި ސޯލާ ޕެނަލްތަށް ހަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވައި އަޙްމަދުﷲ ވިދާޅުވީ، މިމަސައްކަތްތަށް ކުރުމަށް ހަމަޖެހިފައިވަނީ ތަފާތު ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރާއްޖޭގެ ކޮންމެ އަތޮޅަކުން މިސްކިތަކާއި، މާލޭގެ 4 މިސްކިތެއް ހިމެނޭގޮތަށް 25 މިސްކިތެއްގައި މިމަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވާކަމަށް އަހުމަދުﷲ ވިދާޅުވިއެވެ.

މި މިސްކިތްތަށް އިޚްތިޔާރުކުރުމުގައި ބަލާފައިވަނީ އަތޮޅުތަކުގެ ތެރެއިން އޭސީކޮށްފައިވާ މިސްކިތްތަށް ނެތް ރަށްރަށާއި މިސްކިތްތަކުގެ ޖާގައިގެ ތަނަވަސްކަމަށްކަމަށް އަހުމަދުﷲ ޖަމީލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އޭސީކުރުމުގައި ގިނަ ކަންތައްތަކަކާއި ކުރިމަތިވޭ. މިސާލަކަށް މިހާރުގެ މިސްކިތްތަކަކީ ގިނަ ކުޑަ ދޮރުތަކަކާއި، ފެން ލައިޓްތަށް ބަހައްޓާފައި ހުންނަ މިސްކިތްތަށް. މި ކަންކަން ހައްލުކުރަންޖެހޭ. އަދި ހަމަމިއާއިކު ސޯލާ ޕެނަލްތަށް ހަރުކުރަން ބަލާއިރު، ބައެއް މިސްކިތްތަކުގެ ފުރާޅތަށްވެސް ބަދަލުކުރަންޖެހޭ. އެހެންކަމުން މިކަމަށް 600 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބެލެވޭ." އަހުމަދުﷲ ޖަމީލް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު ޝާފިޢު ޢަލީ ވިދާޅުވީ، އަންހެނުންނަށް ފަސޭހައިން މިސްކިތްތަކުގައި ނަމާދުކުރެވޭނެގޮތް ހަމަޖެއްސުމުގެ މަޝްރޫޢަކީ މިސްކިތްތަށް އޭސީކުރުމުގެ މަޝްރޫޢާ ގުޅުވައިގެން ކުރިއަށްގެންދާ މަޝްރޫއެއްކަމަށެވެ.

45 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރާ މި މަޝްރޫޢުގެ ދަށުން ޕާޓިޝަންޖަހާ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް 11 މިލިއަން ރުފިޔާ ޚަރަދުވާއިރު، އަންހެނުންނަށް ޚާއްސަކޮށް ވަކިފާޚާނާއާއި ވުޟޫކުރާނެ އިންތިޒާމު ހަމަޖެއްސުމަށް 34 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބެލެވޭކަމަށް ޝާފިއު ވިދާޅުވިއެވެ.

"ރާއްޖޭގައި މިހާރު ފިރިހެންނުނަށް ޚާއްސަ 300 މިސްކިތް، އަންހެނުންނާއި ފިރިހެނުން ނަމާދުކުރާ 266 މިސްކިތް ހުރޭ. އަދި އަންހެނުންނަށް ޚާއްސަ މިސްކިތްތަކެއް ހުރޭ. އަލަށް އޭސީކުރާ މިސްކިތްތަކަކީވެސް އަންހެނުންނާއި ފިރިހެނުން ނަމާދުކުރެވޭ މިސްކިތްތަކަކަށް އަޅުގަނޑުމެން ހަދާނަން. އަދި އަންހެނުންނަށް ޚާއްސަކޮށް ވަކި ފާޚާނާއާއި ވުޟޫކުރާނެ އިންތިޒާމު ހަމަޖެއްސާނަން." ޝާފިޢު ޢަލީ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު 645 މިސްކިތެއް ބިނާކޮށްފައިވާއިރު، މީގެތެރެއިން އޭސީކޮއްފައިވަނީ 218 މިސްކިތެކެވެ. އިސްލާމިކް މިނިސްޓްރީއިން ހާމަކުރައްވާގޮތުގައި 2021 ވަނަ އަހަރުގެ ކުރިން އިޢާދަކުރެނިވި ހަކަތަ ބޭނުންކޮއްގެން ރާއްޖޭގެ ހުރިހައި މިސްކިތެއް އޭސީކުރުމަކީ އެމިނިސްޓްރީގެ އަމާޒެއްކަމަށެވެ.