ޚަބަރު

މަޖިލިސް އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕްކުރަން ހުށަހެޅީ އެމް.ސެވެން އާއި ނޮވެލްޓީން


ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޭނުން ކުރާނެ ވޯޓު ކަރުދާސް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުޞަތުގައި ޝައުޤުވެރިކަން ފާޅުކުރީ އެމް ސެވަންއާއި ނޮވެލްޓީންކަމަށް އެކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ކުރި އިއުލާނެއްގައިވަނީ މަޖިލިސް އިންތިޚާބުގައި ބޭނުންކުރާނެ ވޯޓުކަރުދާސް ޗާޕް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށްއެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު ދޭއް ޖެހުމާ ހަމައަށް އޮންނާނެ ކަމަށެވެ.

އީސީން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ބޭނުންކުރާނެ ވޯޓުކަރުދާސް ޗާޕް ކޮށްދިނުމަށް ހުޅުވާލި ފުރުޞަތުގައި މަޢުލޫމާތު ސާފުކުރި ތިންފަރާތެއްގެ ތެރެއިން އެއްފަރާތުގެ ޝަރުޠު ހަމަނުވާކަމަށާއި ދެން ހިމެނޭ ނޮވެލްޓީއާއި އެމް ސެވަންގެ ޝަރުތު ފުރިހަމަވާ ކަމަށެވެ.

އަދި އެކަމަށް އެންމެ ރަނގަޅު ބައެއް ބަލާފައި އިންތިޚާބުގެ ވޯޓު ކަރުދާސްތައް ޗާޕްކުރުމުގެ މަސައްކަތް ހަވާލު ކުރާނެ ކަމަށްވެސް އިލްކެޝްންސް ކޮމިޝަނުން ވިދާޅުވެއެވެ.
އެމް ސެވެން އަކީ މިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕްކޮށްދިން ކުންފުންޏެވެ. އެ އިންތިޚާބުގެ ވޯޓު ކަރުދާސްތައް ޕްރިންޓް ކުރަން ނޮވެލްޓީން ބިޑް ހުށަހަޅައި، ގިނަ ޕޮއިންޓް ލިބިފައި ވަނިކޮށް އެމް ސެވެންއަށް އެ މަސައްކަތް ދިނީ ވަކި ގޮތަކަށް އިންތިޚާބުގެ ކަންކަން އަނބުރާލުމަށްކަމަށްބުނެ، ބައެއް ފަރާތްތަކުން ވަނީ އޭރު ވަރަށްބޮޑަށް ފާޑުކިޔާފައެވެ.