ތަޢުލީމު

ވިލާ ކޮލެޖުގެ ދަސްވެނިވުން ރޭވެސް ބާއްވައިފި


ވިލާ ކޮލެޖުން ޝަރިއްޔާ އަދި ރިސަރޗް ސްޓަރޑީޒްގެ ދާއިރާއިން ހިންގި ޑިޕްލޮމާ، މާސްޓާރޒް، އަދި ބެޗެލާރޒް ޕްރޮގްރާމްތަކުން ޑިގްރީ ޙާސިލުކުރި ފަރާތްތަކަށް އެކަމުގެ ސަނަދު ހަވާލުކޮށްފިއެވެ.އެކަމަށްޓަކައި ރޭ ދަރުބާރުގައި ގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެފަރާތްތަކަށް ސަނަދުތައް ހަވާލުކޮށްދެއްވީ، ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރުއެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޑރ. އަޙްމަދު އަންވަރު ވިދާޅުވީ، މިދެ ޕްރޮގްރާމަކީވެސް ވިލާ ކޮލެޖުން އަމިއްލައަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ދެ ޕްރޮގްރާމްކަމަށާއި، މިފަދަ އިތުރު ޕްރޮގްރާމްތައް ފަރުމާކޮށް، ތަޢާރަފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.ރޭގެ ރަސްމިއްޔާތުގައި، ޝަރިއްޔާގެ ދާއިރާއިން މާސްޓަރޒް ޑިގްރީ ފުރިހަމަކުރި ފަސްދޮޅަސް ދެ ފަރާތަކާއި، ބެޗެލަރޒް ޑިގްރީ ފުރިހަމަކުރި ފަންސަވީސް ފަރާތެއް ވަނީ ސަނަދު ހާސިލުކޮށްފައެވެ. އަދި ރިސަރޗް ސްޓަރޑީޒްގެ ދާއިރާއިން ޑިޕްލޮމާ ޙާސިލުކުރި ސަތާރަ ފަރާތަކަށާއި، ސެޓްފިކެޓް ލެވެލް ފުރިހަމަ ކުރި ހަތަރު ފަރާތަކަށްވެސް ވަނީ ސަނަދު ހަވާލުކޮށްފައެވެ.މީގެ އިތުރުން، ވިލާކޮލެޖްގެ ބުކް ޕްރައިޒް ޙާސިލުކުރި ސާޅީސް ފަރާތަކަށާއި، ވިލާ ކޮލެޖުގެ ފައުންޑަރ ޤާސިމް އިބްރާހިމް ދެއްވާ އެކްސެލެންސް އެވޯޑް ހާސިލުކުރި ފަސް ފަރާތަކަށްވެސް ރޭގެ ރަސްމިއްޔާތުގައި ވަނީ އިނާމްތައް ހަވާލުކޮށްފައެވެ.