ވިޔަފާރި

އަންހެނުންގެ ލާބައަށް މަސައްކަތްކުރާ 2 ޖަމުޢިއްޔާއަށް ބެންކުން މާލީ އެހީތެރިކަން ފޯރުކޮށްދީފި


ބޭންކް އޮފް މޯލްޑިވްސް އިން އަންހެނުންގެ ކުރިއެރުމާއި މަންފާއަށް މަސައްކަތްކުރާ ދެ ޖަމިއްޔާއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިއީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފޯރުކޮށްދިން މާލީ އެހީތެރިކަމެއްކަމަށް ބީއެމްއެލްއިން ބުނެއެވެ. މި ދެ ޖަމިއްޔާއަކީ 'ފެމިލީ ލީގަލް ކްލިނިކް' އާއި 'ވިމެން އިން ޓެކް' އެވެ.

ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައި މި ދެ ޖަމުޢިއްޔާއަށް ރަމްޒީ ގޮތުން ފައިސާ ހަވާލުކޮށްދެއްވީ ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި އާއިޝަތު ނޫރައްދީންއެވެ.

މި ހަފްލާގައި ބީއެމްއެލްގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. ފެމިލީ ލީގަލް ކްލިނިކް އާއި ވިމެން އިން ޓެކްއަށް ބޭންކުގެ ފަރާތުން ވަނީ ކޮންމެ ޖަމިއްޔާއަކަށް ސާޅީސް ހަ ހާސް ރުފިޔާ ހަދިޔާކޮށްފައެވެ. މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެޖަމިއްޔާތަކުން ކުރިޔަށް ގެންދާ ޕްރޮގްރާމްތައް ރާވައި ހިންގުމަށެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި އާއިޝަތު ނޫރައްދީން ވިދާޅުވީ މި އެހީތެރިކަމަކީ އަންހެނުން ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް ފައިދާކުރުވަނިވި ހަރަކާތްތައް ހިންގުމަށް ދެވޭ އެހީތެރިކަމެއްކަމަށެވެ. އަދި މިފަދަ މުހިންމު ދާއިރާތަކުގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ އެ ބެންކަށް ލިބޭ އުފަލެއްކަމަށެވެ.