ވިޔަފާރި

ޖީއެމް ފޯރަމްގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެލައިޑް އިންޝުއަރެންސް


ހޮޓެލިއަރ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ 4 ވަނަ ޖެނެރަލް މެނޭޖަރ ފޯރަމްގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފިއެވެ.

ޖީއެމް ފޯރަމަކީ ރާއްޖޭގެ ރިސޯޓުތަކުގައި ޖެނެރަލް މެނޭޖަރުންގެ މަޤާމުގައި އެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެއް ދުވަހުގެ ފޯރަމެކެވެ. މިއަހަރުގެ ޖީއެމް ފޯރަމް، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ 3 ވަނަ ދުވަހުއެވެ.

ހޮޓެލިއަރ މޯލްޑިވްސްއިން ބުނީ، މި ފޯރަމްގެ މަޤްޞަދަކީ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުން އެއް ތަނަކުން ބައްދަލުވެ، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަމަށް ޙައްލު ހޯދުން ކަމަށެވެ.

މި ފޯރަމްގައި، ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުންހުރި މުހިއްމު މައުޟޫތަކަށް އަލިއަޅުވާލައި، މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ސަލާމަތީ ކަންކަމާއި ދެމެހެއްޓެނިވި ގޮތުގައި ފަތުރުވެރިކަން ކުރެވޭނެގޮތްތަކާއި، ތަމްރީން ބޭނުންވާ ދާއިރާތަކުގެ އިތުރުން މިދައިރާގައި އަންހެނުން އިތުރުކުރުމާއި ބެހޭގޮތުންވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޖީއެމް ފޯރަމްގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސާފައިވާއިރު އެލައިޑް އިންޝުއަރެންސްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންޝުއަރެންސްގެ ޙިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. އެލައިޑަކީ 100 އިންސައްތަ ދިވެހި ކުންފުންޏެކެވެ. 1985 ވަނަ އަހަރު އުފެއްދި އެލައިޑް އިންޝުއަރެންސް ކުންފުނިން ދިވެހި ރައްޔިތުންނަށް ޙިދުމަތްދޭތާ 33 އަހަރު ވަނީ ވެފައެވެ.