ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތުޚާބުގައި ތާޢީދުކުރާ ކެނޑިޑޭޓުންގެ ލިސްޓު ރޭ އިޢުލާންކުރިއިރު ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ)ގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންގެ ނަން ހިމެނިފައި ނުވަނީ އިދާރީ އޮޅުމަކުން ކަމަށް ޑީ.އާރު.ޕީން ވިދާޅުވެއްޖެއެވެ.
އެޕާޓީން ނެރުނު ނޫސް ބަޔާނެއްގައިވަނީ ޑީ.އާރު.ޕީގެ ފަރާތުން 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިޚާބަށް ކުރިމަތިލައްވާ 3 ކެނޑިޑޭޓުންނަށް ޕީޕީއެމް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމިންގެ ތާއީދު ދެއްވާފައިވާކަމުގެ ލިޔުން 6 ޑިސެމްބަރ 2018 ގައި ދެއްވާފައިވާކަމަށެވެ.
އެގޮތުން ކާށިދޫ ދާއިރާއަށާއި، ގަލޮޅު އުތުރު ދާއިރާގެ އިތުރުން ހެންވޭރު އުތުރުދާއިރާއަށް ޑީ.އާރުޕީން ވާދަކުރާ ކެނޑިޑޭޓުންނަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ބަންދުކުރުމުގެ އެއްދުވަސް ކުރިންވެސް ތާއީދުކުރާކަން ތަކުރާރުކުރައްވާފައިވުމުން އެޕާޓީގެ ފަރާތުން އަންނަ މަޖިލިސް އިންތިޚާބުގައި، މިކެނޑިޑޭޓުން ކެމްޕެއިންކުރައްވަމުން ގެންދަނީ ޕީ.ޕީ.އެމްގެ ތާޢީދުއޮތް ކެނޑިޑޭޓުންގެ ގޮތުގައިކަމަށް ޑީއާރުޕީން ނެރުނު ނޫސްބަޔާނުގައިވެއެވެ.
އަދި ޑީ.އާރު.ޕީގެ އެއްވެސް ކެނޑިޑޭޓަކު ޖުމްހޫރީ ޕާޓީއަށް ގޮނޑި ދޫކޮށް ނުލާނެކަމުގެ ޔަޤީންކަން އެޕާޓީން ވަނީ ހާމަކޮށްފައެވެ.
ޑީ.އާރު.ޕީން މިކަން ހާމަކުރައްވާފައި ވީނަމަވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތާއީދުކުރާ ކެނޑިޑޭޓުންގެ ލިސްޓު ރޭ ހާމަކުރެއްވިއިރު، ޑީ.އާރުޕީން ވާދަކުރާ 3 ކެނޑީޑޭޓުންގެ ނަން ހާމަކުރައްވާފައެއް ނުވެއެވެ.
ރޭ ލިސްޓް ހާމަކުރައްވަމުން ޕީ.އެން.ސީގެ ރައީސް ޢަބްދުއްރަހީމް ވިދާޅުވީ ކޮންމެ ބަޔަކު ޕީ.ޕީ.އެމް ނުވަތަ ރައީސް ޔާމީނުގެ ތާޢީދާއެކު މަޖިލިސް އިންތިޚާބުގައި ވާދަކުރާކަމަށް ބުނިނަމަވެސް ރޭ އިޢުލާންކުރި ލިސްޓަކީ ރައީސްޔާމީން ތާއީދުކުރައްވާ ހަމައެކަނި ކެނޑީޑޭޓުންގެ ލިސްޓުކަމަށެވެ.