މަނިލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަނެއްކާވެސް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި އެޑްމިޓް ކުރައްވައިފިއެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ މިރޭ 8:50 ހާއިރު ކުރީގެ ރައީސް ޔާމީން އެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުންދާ ކަމަށާއި އެމަނިކުފާނު ގެނެސްފައި ވަނީ މާފުށީ ޖަލުގައި ތިއްބެވި ޑޮކްޓަރުގެ ލަފާގެމަތިން ކަމަށެވެ. ނަމަވެސް ފަރުވާ ދެނީ ކޮންކަމަކަށް ކަމެއް އޮފިޝަލް ވިދާޅެއް ނުވެއެވެ.
ރައީސް ޔާމީންގެ ސިއްޚީ ހާލުކޮޅު ގޯސްވެ ތިންވަނަ ފަހަރަށް އެޑްމިޓް ކޮށްފައިވާއިރު އެހޮސްޕިޓަލުން ފަރުވާ ދެއްވެމަށްފަހު، އެމަނިކުފާނު އަނބުރާ ޖަލަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނުއެވެ. އަދި މީގެކުރިން އެ ހޮސްޕިޓަލަށް ގެންދިޔަ ދެ ފަހަރުވެސް އެޑްމިޓްކޮށްފައިވާއިރު، މާޗް މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދައްކާފައި ވަނީ ހިތުގެ ޑޮކްޓަރަކަށެވެ.
ޖަލަށް ގެންދިއުމުގެ ކުރިން ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވަނީ ސިއްޚީ ހާލުކޮޅު ރަނގަޅު ނޫން ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނުގެ ބުރަކަށީގައި ރިއްސާ ކަމަށް ވިދާޅުވެފައިވާއިރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ރައީސް ޔާމީންގެ ސިއްޚީ ހާލުކޮޅު ރަނގަޅުނޫން ކަމަށާއި އެ މަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް ގޮވާލައްވާފައެވެ.
ކުރީގެ ރައީސް ޔާމީން މާފުށީ ޖަލަށް ގެންގޮސްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިން މައްސަލައިގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށް އެ މައްސަލައިގެ ހެކި ނައްތާލުމަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުގައި އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރު ކުރުމުންނެވެ.