ޚަބަރު

"މަޖިލިސް ބަހުސް 2019" އަންނަ އާދީއްތަ ދުވަހު ފަށަނީ


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ބާއްވާ "މަޖިލިސް ބަހުސް 2019" އަންނަ އާދިއްތަ ދުވަހު ފެށުމަށް ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްއިން ނިންމައިފިއެވެ.

މި ބަހުސަކީ 2019ވަނަ އަހަރުގެ މަޖިލީހަށް ވާދަކުރާ ކެނޑިޑޭޓުން ތަޢާރަފްކޮށް، ދާއިރާ ތަރައްޤީކުރުމުގައި ކެނޑިޑޭޓުންގެ ވިސްނުުން ހުރިގޮތް އެ ދާއިރާއެއްގެ ރައްޔިތުންނާއި ޙިއްސާކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން ބާއްވާ ބަހުސެކެވެ.

"މަޖިލިސް ބަހުސް 2019"ގައި ބައިވެރިވުމަށް އެއްވެސް ސިޔާސީ ޕާޓީއެއް ތަފާތުކުރުމެއްނެތި، ހުރިހާ ކެނޑިޑޭޓުންނަށްވަނީ ބައިވެރިވުމުގެ ފުރުޞަތުދީފައެވެ. އަދި އަމިއްލަ ގޮތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްވެސް މި ބަހުސްގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ދީފައެވެ.

މި ބަހުސް އޮންނާނީ މިމަހުގެ 10ވަނަ ދުވަހުން 28ގެ ނިޔަލަށެވެ. މިބަހުސްއާއި ގުޅޭ މަޢުލޫމާތު ޕީއެސްއެމުން މިހާރުވަނީ ސިޔާސީ ޕާޓީތަކާއި، ކެނޑިޑޭޓުންނާއި ޙިއްސާކޮށްފައެވެ.

މީގެ އިތުރުން މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ކުރިއަށްދާއިރު ޕާޓީތަކަށް އެ ޕާޓީއަކުން ބޭނުންވާ ދެ އިވެންޓެއް، ހިލޭ ޓީވީއާއި، ރޭޑިއޯއިން ގެނެސްދިނުމުގެ ފުރުޞަތު ދިނުމަށްވެސްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ވިޔަފާރި އުސޫލުންވެސް ވަގުތު ގަތުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ނުވަ ސިޔާސީ ޕާޓީއާއި، އަމިއްލަގޮތުން ބައިވެރިވާ ކެނޑިޑޭޓުން ހިމެނޭހެން ޖުމްލަ 389 ކެނޑިޑޭޓުން ވާދަކުރާނެއެވެ. މަޖިލިސް އިންތިޚާބު އޮންނާނީ އަންނަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހުއެވެ.