ވިޔަފާރި

އެޑްވާންސް ޕޭމަންޓެއް ދައްކަން ނުޖެހޭ، ފައިނޭންސިންގ ފެސިލިޓީއެއް އެމްއައިބީން ތައާރަފްކޮށްފި


ސެކިއުރިޓީ ޑިޕޮސިޓެއް ނުވަތަ އެޑްވާންސް ޕޭމަންޓެއް ދައްކަން ނުޖެހޭ، ފައިނޭންސިންގ ފެސިލިޓީއެއް މޯލްޑިވްސް އިސްލާމިކް ބޭންކުން ތައާރަފްކޮށްފިއެވެ.

'އުޖާލާ ދިރިއުޅުން'ގެ ނަމުގައި ތައާރަފްކުރި މި ފައިނޭންސިންގ ފެސިލިޓީގެ ލިމިޓެއް ކަމަށް ކަނޑައަޅާފައިވަނީ 250،000 ރުފިޔާއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމް.އައި.ބީގެ ' އުޖާލާ ދިރިއުޅުން' ފައިނޭންސިންގ ފެސިލިޓީ ލޯންޗުކުރުމަށްޓަކައި ޗަމްޕާ ސެންޓުރަލް ހޮޓެލްގައި ވަނީ ޙާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި 'އުޖާލާ ދިރިއުޅުން' ފައިނޭންސިންގ ފެސިލިޓީ ލޯންޗުކޮށްދެއްވީ އެމްޓީސީސީގެ ސީ.އީ.އޯ ހަސަން ޝާހް އަދި އެމް.އައި.ބީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯގެ އޭ.އީ އަބްދުލް މުހައިމިނެވެ.

އެމްއައިބީގެ އުޖާލާ ދިރިއުޅުން ފައިނޭންސިންގ ފެސިލިޓީއަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ މުދާ ހެޔޮއަގުގައި މަހުންމަހަށް ބަހާލައިގެން ފައިސާދައްކާލެވޭގޮތަށް އިސްލާމީ ޝަރީޢަތުގެ ހަމަތަކުގެމަތިން ދެވޭ ފެސިލިޓީއެކެވެ. މިފެސިލިޓީގެ ދަށުން ފަރުނީޗަރު، އިލެކްޓްރޯނިކްސް، ފޯނު، ހިފާގެންގުޅޭ ތަކެތި، އައުޓްބޯޑު އިންޖީން، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އަދި ސޯލާޕެނަލް ފަދަ ތަކެތި ނެގޭނެއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އެމްއައިބީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯގެ އަބްދުލް މުހައިމިން ވިދާޅުވީ، އެމްއައިބީން އަބަދުވެސް މަސައްކަތް ކުރަނީ އާއްމުނަށްދޭ ބޭންކންގ އާއި ގުޅޭ ޙިދުމަތްތައް ވީހާވެސް ލުއި ފަސޭހަގޮތެއްގައި ދިނުމަށްކަމަށެވެ.
މި ފެސިލިޓީގެ ލިމިޓް ހަމަޖެހުމަށްފަހު މުދާ ގަތުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. މި ލިމިޓް ބޭނުން ކުރުމަށް އެމްއައިބީން ޤަބޫލުކުރާ ފިހާރަޔަކުން ކޯޓޭޝަންއާއިއެކު މުދާ ގަންނަން ބޭނުންވާ ލިޔުންތައް ގެނައުމުން ކަސްޓަމަރަށް މުދާ ވިއްކާލެވޭނެއެވެ. އެމްއައިބީން މުދާ ވިއްކާނީ ބޭންކަށް މުދާ ގަންނަން ލިބޭ އަގުގެ ތެރެއަށް ފައިދާއެއް ލުމަށް ފަހުގައެވެ.

' އުޖާލާ ދިރިއުޅުން' ފައިނޭންސިންގް ފެސިލިޓީއާ ގުޅޭގޮތުން މައުލޫމާތުދެމުން އެމްއައިބީގެ ކޮންސިއުމަރ އެންޑް ހޯމް ފައިނޭންސިންގް، ޔުނިޓް ހެޑް ނާހިދު އިދްރީސް ވިދާޅުވީ، އަތޮޅުތެރޭ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ފަސޭހަކަމާއިއެކު މި ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

"އެމްއައިބީގެ ބްރާންޗްތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ނެތްކަމުގައިވީ ނަމަވެސް، އެމްއައިބީ އާއި އެކު އެމްއޯޔޫގައި ސޮއިކޮށްފައިވާ ތަންތަން ހުރިހާ ރަށެއްގައިވެސް ހުންނާނެ އެގޮތުން އެޑިއުކޭޝަން މިނިސްޓްރީ، ހެލްތް މިނިސްޓްރީ އަދި ޖުޑިޝަލް މިނިސްޓްރީއާއި އެކުވެސް އެމްއައިބީއިން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ. މީގެ އިތުރުން ސްކޫލްތަކާއި ހެލްތް ޕޯސްޓްތައް އަދި ކޯޓުތައް ހުރިހާ ރަށެއްގައި އެބަހުރޭ، އެހެންވީމަ އެތަންތަނުގައި މަސައްކަތްކުރާ މީހުންތެރޭގައިވެސް އުޅޭނެ މި ފެސިލިޓީއަށް ޝަރުތު ހަމަވާ މީހުން،" އެމްއައިބީގެ ކޮންސިއުމަރ އެންޑް ހޯމް ފައިނޭންސިންގް، ޔުނިޓް ހެޑް ނާހިދު ވިދާޅުވިއެވެ.

މި ފެސިލިޓީގެ ލިމިޓަކީ 25,000ރ. އިން ފެށިގެން 250,000 ރ. އާއި ދެމެދެވެ. 2 ދުވަހުގެތެރޭގައި ލިމިޓް ހަމަޖައްސައިދޭއިރު، އެއައްފަހު މުދާ ގަތުމަށް ބޭނުންވާ ކޮންމެ ފަހަރަކު އެއްދުވަސްތެރޭގައި މުދާ ލިބޭނެ ކަމަށް އެމްއައިބީން ބުނެއެވެ. މީގެ އިތުރުން ތިން އަހަރު ދުވަހަށް ބަހާލައިގެން ފައިސާ ދައްކާ ހަލާސްކުރެވޭނެކަމަށްވެސް އެމްއައިބީން ބުނެއެވެ.