ޚަބަރު

ޤައުމީ ވާހަކަދެއްކުމުގެ މުބާރާތް މިއަހަރު ބާއްވަނީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭހެން


ތިރީސް ހަތަރުވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަގެ އެއްވަނަ ދުވަހުއެވެ. އަލްއުސްތާޛް އިބްރާޙިމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތުގައި، މިއަހަރު ޕްރީ ސްކޫލް ދަރިވަރުންނަށްވެސް ބައިވެރިވެވޭނެކަމަށް ދިވެހިބަހުގެ އެކެޑަމީއިން މަޢުލޫމާތުދެއްވައެވެ.

މި މުބާރާތާބެހޭ މަޢުލޫމާތުދެއްވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ މިއަހަރުގެ މުބާރާތުގައި ޖުމްލަ 9 ކެޓަގަރީއަކަށް ވާދަކުރެވޭނެކަމަށެވެ. އަދި އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ މުބާރާތުގައި ހުރިހާ އުމުރުފުރައަކަށްވެސް ފުރުޞަތު ދިނުމުގެ ގޮތުން ޕްރީ ސްކޫލް ދަރިވަރުންނަށްވެސް، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އަޝްރަފް ވިދާޅުވީ މިގޮތަށް ފުރުޞަތު ދޭން ނިންމީ އެންމެ ތުއްތު އިރުން ފެށިގެންވެސް ކުދިންނަކީ ބަހަށް ލޯބިކުރާ، ދިވެހި ބަސް އުނގެނުމަށް ޝައުގު ހުންނަ ކުދިންނަށް ހެދުންކަމަށެވެ.

"ސްކޫލްތަކުގެ ޝަކުވާއެއް، ވާހަކަދެއްކުންތެރިން ސްކޫލްތަކުން ނުލިބުން. އެެހެންވެގެން ބޭނުންވަނީ އެންމެ ކުޑައިރުންސުރެ މިކަމަށް ކުދިންގެ ޝައުގު އުފެއްދުން. އެހެންނަމަވެސް 13އަހަރުން ދަށުގެ ކުދިންގެ ބައިތައް ގެންދާނީ ވާދަވެރި ރޫހެއްގައެއްނޫން. ކުދިންނަށް ފުރުސަތު ދިނުމަށް" އަޝްރަފް ވިދާޅުވިއެވެ.

މިފަހަރުގެ މުބާރާތުގައި ސްކޫލްތަކުގެ ބައިން 6 ކެޓަގަރީއާއި، ކޮލެޖާއި ޔުނިވަރސިޓީތަކުގެ ބަޔާއި، އޮފީސް ކުންފުނި ކްލަބް ޖަމްޢިއްޔާގެ ބަޔާއި، އަދި އަމިއްލަފަރާތްތަކަށް ޚާއްސަކޮށްގެން 18އަހަރުން މައްޗާއި، 18 އަހަރުން ދަށުގެ އުމުރުފުރާ ހިމެނެއެވެ.

މިއަހަރުގެ މުބާރާތުގައިވަނީ ކޮންމެ ކެޓަގަރީއަކުންވެސް ކުށެއްނެތި އެންމެ ރީތިކޮށް މޮޅަށް ވާހަކަ ދައްކާ ކުއްޖާ ހޮވުމަށް ނިންމާފައެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 25ވަނަ ދުވަހާއި ހަަމައަށްވަނީ ހުޅުވާލާފައެވެ. އަދި މުބާރާތުގެ މައުޟޫޢުތައް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ބަހުގެ އެކެޑަމީގެ ވެސްބައިޓުން ލިބޭނެކަމަށްވެސް އެ އެކެޑަމީއިން ވިދާޅުވެއެވެ.