ޚަބަރު

ޝައިޚުން ޒުވާނުންނާއެކު ކޮފީއަށް


ޒުވާނުންގެ ހިތްތަކުގައި ދީނީގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބުހޯއްދަވައިދެއްވުމަށް ދީނީ ޝައިޚުން ޒުވާނުންނާއެކު ކޮފީމޭޒަށް ވަޑައިގަތުގެ ޕްރޮގްރާމެއް ފަށްޓަވަން އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ. އަންނަ އާދިއްތަދުވަހު ފަށާ މިކޮފީ ސީރީސް ފެށުމަށް ހަމަޖެހިފައިވަނީ އޮލިވް ގާޑަން ރެސްޓޯރެންޓުންނެވެ.

"ކޮފީ ވިތް ޝައިޚް"ގެ ނަމުގައި އިސްލާމިކް މިނިސްޓްރީއިން ކުރިއަށްގެންދާ މި ކޮފީ ސީރީސްއާ ބެހޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު އަޙްމަދުﷲ ޖަމީލް ވިދާޅުވީ، މިސީރީސްއަކީ ޒުވާނުންގެ ހިތްތަކުގައި ދީނީ އަޤީދާ ހަރުދަނާކޮށް ދީނީ ލޯބި އިތުރުކުރުމައްޓަކައި ކުރިއަށްގެންދާ ޙަރަކާތެއްކަމަށެވެ. މިފަދަ ގޮތަކަށް މިޙަރަކާތް ހިންގަންނިންމީ ޒުވާނުންނާއި އެންމެގާތުން މިފަދަ ވާހަކަތަށް ދެކެވޭނެތަނަކީ ކޮފީ މޭޒުތައްކަމަށް ވުމުންކަމުގައި އަޙްމަދުﷲ ޖަމީލް ވިދާޅުވިއެވެ.

މި ސީރީސްގެ ފުރަތަމަ ޕްރޮގްރާމް އަންނަ އާދިއްތަދުވަހު އޮލިވް ގާޑަން ރެސްޓޯރެންޓު ފަށަން ނިންމާފައިވާކަމަށް އަޙްމަދުﷲ ވިދާޅުވިއެވެ. އެގޮތުން މިކޮފީ ސީރީސްގެ ބައްދަލުވުމުގައި ތަފާތު މޭޒުތަކުގައި ޝައިޚުންތިއްބަވައިގެން ޒުވާނުންގެ ސުވާލުތަކަށް ޖަވާބުދެއްވާނެކަމަށް އަޙްމަދުﷲ ޖަމީލް ވިދާޅުވިއެވެ. މިފަދަ ޕްރޮގްރާމްތަކުގެ ފުރިހަމަ ބޭނުން ހިފުމަށް އަޙްމަދުﷲ ޖަމީލް ވަނީ ގޮވާލައްވާފައެވެ.

"މިސީރީސްއަކީ ޒުވާނުންގެ ހިތްތަކުގައި ދީނީއަޤީދާ ހަރުދަނާކޮށް ދީނީލޯބި އިތުރުކުރުމައްޓަކައި ކުރިއަށްގެންދާ ހަރަކާތެއް. އެގޮތުން އޮލިވް ގާޑަންގައި މިއަންނަ ހަފްތާގެ އާދިއްތަ ދުވަހު މިޙަރަކާތް ފަށާއިރު، ތިން މޭޒެއްގައި ތިން ޝައިޚުން ތިއްބަވައިގެން ޒުވާނުންގެ ސުވާލުތަކަށް ޖަވާބުދެއްވާނެ." އަޙްމަދުﷲ ޖަމީލް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަހަރު އިތުރަށް ރާއްވަވާފައިވާ ހަރަކާތްތަކުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން، އަޙްމަދުﷲ ޖަމީލް ވިދާޅުވީ، ދިވެހިރާއްޖޭގެއަޑާ ގުޅިގެން ކޮންމެ ހަފުތާއަކު އެއްފަހަރު ގެނެސްދޭ ސުވާލާއި ޖަވާބުގެ ޕްރޮގްރާމަކީވެސް ވަރަށް ކާމިޔާބު ޕްރޮގްރާމެއްކަމަށެވެ. އެގޮތުން ކޮންމެ ހަފުތާއަކުވެސް މިޕްރޮގްރާމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

"ވަރަށް ބޮޑު ތަރުހީބެއް ލިބޭ މި ޕްރޮގްރާމަށްވެސް. އެގޮތުން މި ޕްރޮގްރާމަށް ކޮންމެ ހަފުތާއަކުވެސް އެތަށް ސުވާލުތަކެއް އައިސް ޖަވާބުދެވޭ. މިއީ އާންމުކޮށް ދަރުސްތަކަށް ނުދާފަރާތްތަކުގެ ސުވާލުތަކަށް ޖަވާބު ލިއްބައިދޭ ގޮތެއް." އަޙްމަދުﷲ ޖަމީލް ވިދާޅުވިއެވެ.

މިއަހަރުގެ ރަމަޟާންމަސް ގާތްވަމުންއަންނައިރު، މި މައްސަރުގެ ތައްޔާރީތަށް މިނިސްޓްރީއިން ބާރު ސްޕީޑްގައި ކުރިއަށްގެންދާކަމަށް އަޙްމަދުﷲ ޖަމީލް ވިދާޅުވިއެވެ. އެގޮތުން ތަރާވީސް ކުރާނެ އިމާމުންނާއި، އިޙްޔާ ފޯރަމްގެ ތައްޔާރީތަށް ބާރުމިނެއްގައި ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.