ޚަބަރު

ސްޕޯޓްސް ކައުންސިލްގެ ހަތަރު މަގާމަކަށް މެމްބަރުން އިންތިޚާބުކުރަން ނިންމައިފި


ސްޕޯޓްސް ކައުންސިލްގެ ހަތަރު މަގާމަކަށް މެމްބަރުން އިންތިޚާބުކުރަން، މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އިން ނިންމައިފިއެވެ.

ސްޕޯޓްސް ކައުންސިލްގައި ހިމެނޭ ދިހަ މަގާމުގެ ތެރެއިން މެމްބަރުން އިންތިޚާބުކުރަން ނިންމާފައިވާ ހަތަރު މަގާމަކީ، އޮލިމްޕިކް ކުޅިވަރުތަކަށް ދެ މެމްބަރުންގެ މަގާމާއި، ނޮން އޮލިމްޕިކް ކުޅިވަރުތަކަށް ދެ މެމްބަރުންގެ މަގާމެވެ.

މި ހަތަރު މަގާމަށް މެމްބަރުން އިންތިޚާބުކުރުމަށް މިނިސްޓްރީއިން ވަނީ ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލާފައެވެ.

ކޮމިޓީގައި ހިމެނޭ، ސްޕޯޓްސް ކައުންސިލް މެމްބަރ ހުސައިން ޝަމީމް ވިދާޅުވީ، ކުޅިވަރު ގާނޫނުގައި، ސްޕޯޓްސް ކައުންސިލްގެ ހަ މަގާމަކަށް މެމްބަރުން ޢައްޔަން ކުރާނީ މިނިސްޓްރީން ކަމަށް ބުނެފައިވާ ކަމަށާއި، ނަމަވެސް ބާކީ ހަތަރު މަގާމަށް މީހުން އައްޔަނުކުރާނީ މިނިސްޓްރީންކަމަށް ބުނެފައި ނުވާކަމަށެވެ.

މި ހަތަރު މަގާމަށް މެމްބަރުން އިންތިޚާބުކުރަން މިނިސްޓްރީން ނިންމީ އެހެންވެކަމަށާއި، އިންތިޚާބުގައި ވޯޓްލެވޭނީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ރަޢީސް ނުވަތަ ނާއިބު ރަޢީސަށް ކަމަށެވެ. އަދި ވޯޓް ލުމުގެ ހައްގު ލިބޭނީ ގާނޫނުގައި ބުނާ ހަމަތަކުގެ މަތިން އަމަލުކުރަމުން އަންނަ އެސޯސިއޭޝަން ތަކަށް ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

"މީގެ ސަބަބުން ގަވާއިދަށްވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް އަންނަނާނެ، އެއީ ކުރިން މި މަގާމުތަކަށް މެމްބަރުން އައްޔަން ކުރާނީ މިނިސްޓްރީއިން، މީގެ ފަހުން ހަތަރު އަހަރުގެ ދައުރަކަށް އިންތިޚާބުކުރާނީ،" ޝަމީމް ބުންޏެވެ.

ޝަމީމް ވިދާޅުވީ، މި ހަތަރު މަގާމަށް މެމްބަރުން އިންތިޚާބުކުރުމުން ކުރިއާ ޚިލާފަށް، އެސޯސިއޭޝަން ތަކަށް ސްޕޯޓްސް ކައިންސިލުން ޖަވާބުދާރީވާ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ.