ސިޔާސީ

ރައީސްގެ އަމާޒު: އަންހެނުންނަށް ހަމަހަމަ ފުރުޞަތާއި، މަތީ މަޤާމުތައް ހޯދައިދިނުން


އަންހެނުންނަށް ހަމަހަމަ ފުރުޞަތާއި މަތީ މަޤާމުތައް ހޯދައިދިނުމުގައި މިސަރުކާރުން ބޭނުންވަނީ ބަސް މަދުކޮށް ޢަމަލީގޮތުން އެކަންކަން ޙާޞިލްކުރަންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ކ.މާފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލޙް ވިދާޅުވީ އަންހެނުންނަށް ހަމަހަމަ ފުރުޞަތާއި މަތީ މަޤާމުތައް ހޯދައިދިނުމުގެ ވާހަކަ އެކި ފެންވަރުގައި އެކި ފަރާތްތަކުން ދައްކާތާ ގިނަ ދުވަސްތަކެއްވެފައިވާކަމަށެވެ.

އެހެންނަމަވެސް އެ ފުރުޞަތު މި ސަރުކާރުން ފަހިކޮށްދެއްވާނެކމަށާއި، މި ސަރުކާރަކީ އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމުގައި ބަސް މަދު ޢަމަލީ ގޮތުން އެކަންކަން ޙާސިލްކުރާ ސަރުކާރަކަށް ހަދާނެކަމަށެވެ. އެގޮތުން ސަރުޚާރުގެ ވަޢުދުގައި ހިމެނޭ އެސްއެމްއީ ބޭންކުން ލޯން ދޫކުރަން ފެށުމުން އެ ލޯންގެ ވިހި އިންސައްތަ އަންހެނުންނަށް ޚާއްޞަ ކުރާނެކަމަށެވެ.

"އެގޮތުން، މި ސަރުކާރުން ޤާއިމުކޮށްފައިވާ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، މި މަހުގެ ތެރޭގައި ބޭންކަކަށް ބަދަލުވެ، ލޯނު ދޫކުރަން ފެށުމުން، އަންހެނުންގެ ބައިވެރިވުމާއެކު އިޤްތިޞާދު ކުރިއަރައިގެން ދާނެ. އެ އަމާޒު ޙާޞިލުކުރުމަށް، އެސްއެމްއީ ލޯންގެ %20 އަޅުގަނޑުމެން މިޚާއްޞަކުރީ އަންހެނުންނަށާއި ޒުވާނުންނަށް އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް." ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްޤީކުރުމަށް ސަރުކާރުން ހުޅުވުމަށް ނިންމާފައިވާ އެސްއެމްއީ ބޭންކަށް މަރުކަޒީ ބޭންކުން ލައިސަންސް ދޫކޯށްފައިވަނީ މިދިޔަ މަހުގެ އަށާވިސްވަނަ ދުވަހުއެވެ. އެސްއެމްއީ ބޭންކު ޤާއިމްކުރުމަކީ ރައީސް ޞާލިޙްގެ ވަޢުދެކެވެ. ސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނަކީ ސަރުކާރުގެ ސައްތަ އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.