މުނިފޫހިފިލުވުން

އޭބީޔޫ އިންޓަނޭޝަނަލް ޑާންސް ފެސްޓިވަލްގައި މިފަހަރު ބައިވެރިވަނީ ރަސްރަނި ގްރޫޕް

އޭބީޔޫ އިންޓަނޭޝަނަލް ޑާންސް ފެސްޓިވަލްގައި ރާއްޖެ ތަމްސީލުކުރާ ޓީމު އިންޑިއާއަށް ފުރައިފިއެވެ.

އިންޑިއާގެ ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ އޭބީޔޫ ފެސްޓިވަލްގައި ރާއްޖެ ތަމްސީލުކުރަން ފުރާފައިވަނީ 6 ނެށުންތެރިންގެ މައްޗަށް އެކުލެވިގެންވާ ރަސްރަނި ގްރޫޕެވެ. ރަސްރަނި ގްރޫޕް މި ފެސްޓިވަލްގައި ބައިވެރިކޮށްފައިވަނީ، މީގެ ދެމަސްކުރިން ޕަބްލިކް ސަރވިސް ވީޑިއާ، ޕީއެސްއެމްއިން ކުރިއަށްގެންދިޔަ އޮޑިޝަނަކުންނެވެ.

މި ފެސްޓިވަލާ ގުޅޭގޮތުން މަޢުލޫމާތުދެމުން ޕީއެސްއެމްގެ ސީނިއަރ އެގްޒެކެޓިވް ޕްރޮޑިއުސަރ، އައިޝަތު ޝައްފާ ޝާހިދު ވިދާޅުވީ، މި ފެސްޓިވަލަކީ ދިވެހިންގެ އަމިއްލަވަންތަކަމާއި ދިވެހި ރީތި ސަޤާފަތް ދައްކުވައިދޭން ލިބޭ ރަނުގެ ފުރުޞަތެއްކަމަށެވެ. އެގޮތުން އެއް މަސްދުވަހުގެ ތަމްރީންނަށްފަހު ރަސްރަނި ގްރޫޕުންވެސް މިއަހަރު ހުށަހަޅައިދޭނީ ދިވެހި ސަޤާފީ ކުލަތައް ފެނިގެންދާނެ ނެށުމެއްކަމަށް ޝައްފާ ވިދާޅުވިއެވެ.

"އޭބީޔޫގެ އިންޓަރނޭޝަނަލް ޑާންސްގައި ބައިވެރިވަނީ، 6 ނެށުންތެރިންގެ މައްޗަށް އެކުލެވިގެންވާ ރަސްރަނި ގްރޫޕް. މި ގްރޫޕްގައި ޖާދުﷲ ފަދަ ނެށުންތެރިންވެސް ހިމެނޭ. ރަސްރަނި ގްރޫޕުން ހުށަހަޅައިދޭނީ ވަރަށް ސަޤާފީ އައިޓަމެއް"ޝައްފާ ވިދާޅުވިއެވެ.

އިންޑިޔާގެ ނިއު ދިއްލީގައި ކުރިއަށްގެންދާ ދެވަނަ އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން، އޭބީޔޫގެ އިންޓަރނޭޝަނަލް ޑާންސް ފެސްޓިވަލަކީ އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ އެއް ޤައުމު އަނެއް ޤައުމުގެ މެދުގައި ހުރި ތަފާތުތަކާއި ޤައުމުތަކުގެ އާދަކާދާއާއި ސަޤާފީ ކަންކަން އެއް ޤަޢުމު އަނެއް ޤައުމަށް އަންގައިދީ ގުޅުން ބަދަހިކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ ފެސްޓިވަލެކެވެ.

އޭބީޔޫ އިން ދަނީ މެންބަރު ޤައުމުތަކުގެ ލަވަކިޔުމާއި އެކި ފަންނުގެ ހުނަރު ދައްކުވައިދިނުމަށްވެސް ފެސްޓިވަލްތައް ބާއްވަމުންނެވެ.