ޚަބަރު

ޖެހިޖެހިގެން ތިންވަނަ ފަހަރަށް އިންޓަރ އޮފީސް ހޭންޑް ބޯލް މުބާރާތުގެ ޗެންޕިއަންކަން އެމްޕީއެލް ހޯދައިފި


ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހަތަރުވަނަ އިންޓަރ އޮފީސް ހޭންޑް ބޯލް މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެންބައިގެ ޗެންޕިއަންކަން އެމްޕީއެލް ހޯދައިފިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް ކާމިޔާބުކޮށްފައިވަނީ ޕޮލިސް ކުލަބްއާއި ވާދަކޮށް މެޗް ކާމިޔާބުކޮށްގެނެއެވެ. މެޗް ފެށިގެން ރަގަނޅަށް ކުޅެ ލީޑް ދަމަހައްޓަމުން އައިސްފައިވަނީ އެމްޕީއެލްއިން. ނަމަވެސް ޕޮލިސް ކުލަބްއިން ކުޅުން ރަގަނޅުކޮށް މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތިޖާ އެއްވަރުކުރިއެވެ. މެޗްގެ ފުރަތަމަ ހާފްގައި ބޮޑުގައި އެމްޕީއެލްއިން ލީޑްގައި އޮވެގެން ކުޅެމުން ދިޔަނަމަވެސް ޕޮލިސް ކުލަބްއިން އެއްވަރު ކޮށް، ލީޑްވެސް ނެގިއެވެ. ނަމަވެސް ޕޮލިސް ކުލަބްއަށް ލީޑްގައި މާގިނައިރު އޮވެވޭ ގޮތްވަނީ ނުވެފައެވެ. މެޗްގެ ދެވަނަ ހާފްގައި ދެ ޓީމްގެ ފަރާތުންވެސް އަވަސް ކުޅުމެއް ފެނިގެންދިޔަ އަދި ހާއްސަކޮށް ދެވަނަ ހާފްގެ ގިނަ ވަގުތު ލީޑްގައި އޮވެގެން ކުޅެފައިވަނީ އެމްޕީއެލްއިންނެވެ. ނަމަވެސް ދެވަނަ ހާފް ނިމެން ފަހު ސިކުންތުކޮޅަކަށް ވެފައިވަނިކޮށް ޕޮލިސް ކުލަބްއިން ނަތީޖާ އެއްވަރު ކުރިއެވެ. ނަތިޖާ ނެރުމަށް ކުޅުނު ފަސް މިނެޓްގެ ދެ ހާފްގެ ތެރެއިން އެމްޕީއެލްއިން މެޗް ކާމިޔާބުކޮށްފައިވަނީ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ކާމިޔާބުކުރި ގޯލްއިންނެވެ. އެމްޕީއެލްއިން މެޗް ކާމިޔާބުކޮށްފައިވަނީ 25 ގޯލް 24 ގޯލްއިންނެވެ. މިބައިގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައިވަނީ ޕޮލިސް ކުލަބްގެ އިސްމާޢީލް އަހުމަދު، އަލީ އަފްޝަން، ދިވެހި ސިފައިންގެ ކުލަބްގެ އަހުމަދު ނަސީރު، އަދި ޗެންޕިއަން އެމްޕީއެލްގެ މުހައްމަދު ފިރުނާޝް، އަހުމަދު ފިރާޝް، އިސްމާޢީލް ފަރުޙާން އަދި ހުސެއިން ހަލީމްއެވެ.