ވިޔަފާރި

ކްރައުން އެންޑް ޗަންޕާގެ އިންނަހުރާ މޯލްޑިވްސް ރިސޯޓްސް ހުޅުވައިފި


ކްރައުން އެންޑް ޗަންޕާއިން ޅ އަތޮޅޫގައި ތަރައްޤީކުރި އިންނަހުރާ މޯލްޑިވްސް ރިސޯޓް ހުޅުވައިފިއެވެ.

މި ރިސޯޓް ހުޅުވާފައިވަނީ މިއަދުއެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނިން ތަރައްޤީކުރި، މި ރިސޯޓުގައި ހުންނަނީ މުޅިން ވެސް އެއްގަމު ކޮޓަރި އެވެ. އެ ގޮތުން އިރުއަރާ ތަން ފެންނަ 45 ކޮޓަރި އާއި އިރު އޮއްސޭ މަންޒަރު ފެންނަ 33 ކޮޓަރި ހުރެ އެވެ. އަދި އާއިލާއާއިއެކު ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް ޙާއްސަ ކޮޓަރިތައްވެސް މި ރިސޯޓްގައި ހުރެއެވެ.

މާލެ އިން ފުރައިގެން ސީޕްލޭންގައި 40 މިނެޓުން މި ރިސޯޓަށް ދެވެއެވެ. މި ރިސޯޓުގައި ސްވިމިން ޕޫލަކާއި ވޯޓާ ސްޕޯޓްސް އަދި ޑައިވިން ސެންޓަރަކާއި ޖިމެއް އަދި "ދުނިޔެ" ބްރޭންޑްގެ ސްޕާއެއް ވެސް ހުރެ އެވެ. އަދި ޓޫރިސްޓުންނަށް އެކްސްކާޝަންގެ ހިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް އެ ރިސޯޓުން ބުނެއެވެ.

އިންނަހުރާގެ އިތުރުންވެސް ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް ގެ ދަށުން ގިނަ ރިސޯޓްތަކެއް އަންނަނީ ހިންގަމުންނެވެ. އޭގެތެރޭގައި ހުރުވަޅި މޯލްޑިވްސް، ކުޑަދޫ ޕްރައިވެޓް އައިލެންޑް، ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ، ކޮމަންޑޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ހިމެނެއެވެ. މީގެ އިތުރުން މީރު އައިލެންޑް ރިސޯޓު އެންޑް ސްޕާ، މިރިހި އައިލެންޑް ރިސޯޓު، ވެލިގަނޑު އައިލެންޑް ރިސޯޓު އެންޑް ސްޕާ، ވިލަމެންދޫ އައިލެންޑް ރިސޯޓު އެންޑް ސްޕާ ރިސޯޓު ފާހަގަކޮށްލެވެއެވެ.