ޚަބަރު

ވެލިދޫގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ


ސަރުކާރުން ނ.ވެލިދޫގައި ޤާއިމްކުރަން ނިންމާފައިވާ ހޮސްޕިޓަލް ޢިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ނ. ވެލިދޫގައި ހޮސްޕިޓަލެއް ޤާއިމްކުރުމަށް މިއަހަރުގެ ބަޖެޓުގައިވެސް ވަނީ ހިމަނާފައެވެ. އަދި ހެލްތް މިނިސްޓްރީން މިހާރު ވަނީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުވެސް ކޮށްފައެވެ. އެގޮތުން މި މަސައްކަތް ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް ހެލްތު މިނިސްޓްރީން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ވެލިދޫގައި މިހާރު ސިއްޙީ މަރުކަޒެއް ހުރިނަމަވެސް އެތަނުގައި ޚާއްޞަ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުން ނެތުމުގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާކަމަށް ވެލިދޫ ކައުންސިލްގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ވެލިދޫ ކައުންސިލްގެ ރައީސާ އަސްމާ ޙުސައިން ވިދާޅުވީ އެފަދަ ޚިދުމަތްތަކާއި އަދި ސްކޭން ކުރެވޭނެ އިންތިޒާމް އެރަށުގެ ސިއްޙީ މަރުކަޒުގައި ހަމަޖެިފައިނެތުމުން އެކަމުގެ ދަތިކަން ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މި ޚިދުމަތްތައް ހޯދުމަށް މިހާރު އެ ރަށުގެ ރައްޔިތުން ދާންޖެހެނީ ކައިރި ރަށްތަކަށް ކަމަށެވެ. އެހެންކަމުން މިކަން މިހާރު ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް އެކަށީގެންވާ ހައްލެއް ހޯދައި ދިނުމަށް އެދިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވެލިދޫގައި ސަރުކާރުން ހޮސްޕިޓަލެއް ޢިމާރާތްކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާއިރު، އެކަމަށް މިއަހަރުގެ ބަޖެޓުގައި ސަރުކާރުން ވަނީ 10.6 މިލިއަން ރުފިޔާ ހިމަނާފައެވެ.

ވެލިދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ނިންމާފައިވާއިރު ޅ.ހިންނަވަރު ސިއްޙީ މަރުކަޒާއި، އދ.މާމިގިލީ ސިއްހީ މަރުކަޒު އަދި ގދ.ގައްދޫ ސިއްޙީ މަރުކަޒުވެސް ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ސަރުކަރުން ވަނީ ނިންމަވާފައެވެ.