ޚަބަރު

ހުމެލްސް، މުލާ އަދި ބޯޓެން ގައުމީ ޓީމަށް ނުނަގަން ނިންމައިފި


ބަޔާން މިއުނިކްގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ މެސުޓް ހުމެލްސް އާއި ޖެރޯމް ބޯޓެން އަދި ތޯމަސް މުލާ ޖަރުމަނުގެ ގައުމީ ޓީމަށް ދެން ނުންގަން ނިންމައިފި އެވެ.

ކޯޗު ޖޯހިމް ލޯ މިގޮތަށް ނިންމީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން އާ ޓީމެއް ބިނާކުރަން ފެށުމުގެ ގޮތުންނެވެ.

މި ތިން ކުޅުންތެރިންނަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނަށް ކާމިޔާބު ކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ތިން ކުޅުންތެރިންނެވެ. ބޯޓެން އާއި ހުމެލްސް އަށް މިހާރު 30 އަހަރުވެފައިވާއިރު މުލާ އަށް އަދި 29 އަހަރެވެ.

ނަމަވެސް މި ކުޅުންތެރިން ނުނަގަން ކޯޗު ނިންމީ ޖަރުމަނުގެ ގައުމީ ޓީމަށް މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ފުރަތަމަ ބުރުން ކަޓަން ޖެހުމާއި ނޭޝަންސް ލީގުގެ ވެސް ފުރަތަމަ ބުރުން ފޭލްވާން ޖެހުމުން ޓީމަށް ބަދަލު ގެނައުމުގެ ގޮތުންނެވެ.

ޓީމަށް ނުނަގަން ލޯ ކުރިން ނިންމި އެންމެ މުހިންމު އެއް ކުޅުންތެރިއަކީ އާސެނަލްގެ މެސުޓް އޮޒިލް އެވެ.

ޖަރުމަނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ރެއިނާޑް ގްރިންޑެލް ވިދާޅުވީ ކޯޗުގެ ނިންމުމަށް ވަރަށް ބޮޑަށް ތާއީދު ކުރާ ކަމަށާއި 2020 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިން އަށް ތައްޔާރުވާން ފަށާއިރު ޓީމަށް ބަދަލު ގެންނަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

ޖަރުމަނުގެ ކޯޗުކަމާ ލޯ ހަވާލުވީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެވެ.