ޚަބަރު

ރާއްޖޭގައި ކްލައިމެޓް ރިސާރޗް ޔުނިޓެއް ޤާއިމްކުރަނީ


ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަށް ދިރާސާކޮށް އެކަން މޫސުމާއި ބެހޭ ދުނިޔޭގެ އިދާރާތަކަށް ހިއްސާކުރެވޭނެ ކްލައިމެޓް ރިސާރޗް ޔުނިޓެއް ޤާއިމްކުރުމުގެ މަސައްކަތް ކުރެވެމުން ދާކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ތޯރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.ދުނިޔޭގެ މޫސުމާއި ބެހޭ ދުވަސް ފާހަގަ ކުރުމަށް މީޓިއޮރޮލޮޖިކަލް ސެންޓުން އިންތިޒާމް ކޮށްގެން ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ތޯރިޤް ވިދާޅުވީ، އެންވަޔަރަމަންޓް މިނިސްޓްރީއާއި މެޓް އޮފީސް ގުޅިގެން ޤާއިމުކުރުމަށް މަސައްކަތް ކުރާ މި ޔުނިޓުން ރާއްޖޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަށް ދެނެގަނެ، ދުނިޔޭގެ ސަމާލުކަމަށް އެކަންކަން ގެނެވިގެން ދާނެކަމަށެވެ.މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮންނަ ސައުވީސް ގަޑިއިރަށް ލަފާކޮށް މެޓްއޮފީހުން، ގެނެސްދޭ މޫސުމުގެ މަޢުލޫމާތުތަކަކީ މިހާރު ކޮންމެ ފަރާތަކަށްވެސް ބޭނުން ކުރެވޭނެ އިތުބާރުހުރި މަޢުލޫމާތުތަކެއް ކަމަށެވެ. އަދި މެޓް އޮފީސް އުފެދިގެން އައިއިރު، ދުވާލަކު ދެފަހަރު ހަދަމުން ގެންދިޔަ އޮބްޒަވޭޝަން މިހާރު ގަޑިއަކު އެއްފަހަރު ހަދަމުންގެންދާ ކަމަށާއި މިއީ އެއޮފީހުގެ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ.މިނިސްޓަރ ވިދާޅުވީ، މެޓްއޮފީހަށް މިހާރު ލިބިފައި ހުރި ވަސީލަތްތަށް ބޭނުންކޮށްގެން އެފަރާތުން ދެމުންގެންދާ މުހިންމު ޚިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ.ދުނިޔޭގެ މޫސުމާއި ބެހޭދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި މެޓްއޮފީހުގެ އާވެބްސައިޓްވެސް މިނިސްޓަރ ތޯރިޤް ވަނީ އިފްތިތާހް ކޮށްދެއްވާފައެވެ.ދުނިޔޭގެ މޫސުމާއިބެހޭ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދަނީ ކޮންމެ އަހަރެއްގެވެސް މާރޗް މަހުގެ ތޭވީސް ވަނަދުވަހެވެ.