ވިޔަފާރި

މޯލްޑިވްސް ވިމެންސް ޗެމްބަރ އޮފް ކޮމާރސް އުވާލަން ނިންމާފައެއް ނުވޭ


އަންހެން ވިޔަފާރިވެރިންގެ ޖަމުޢިއްޔާއެއް އުފެއްދުމަށް މަސައްކަތްކުރިޔަސް، މިހާރު އޮތް މޯލްޑިވްސް ވިމެންސް ޗެމްބަރ އޮފް ކޮމާރސް އުވާލަން ނިންމާފައިނުވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިކަން ހާމަކުރީ އަންހެން ވިޔަފާރިވެރިންގެ ތަރައްޤީއަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް އުފެއްދުމުގެ މަސައްކަތާއެކު މިހާރު އޮތް މޯލްޑިވްސް ވިމެންސް ޗެމްބަރ އޮފް ކޮމާރސް އުވާލާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އަންހެން ވިޔަފާރިވެރިން ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކުރާ ފަރާތްތަކާއި ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅުވައިދިނުމަށް މިވަގުތު ރާއްޖޭގައި ޖަމުޢިއްޔާއެއް ނެތްކަމަށެވެ. އެހެންކަމުން "ނެޝަނަލް ވިމެންސް ޗެމްބަރ އޮފް ކޮމާރސް" ނަމުގައި، އިކޮނޮމިކް މިނިސްޓްރީން ޖަމުޢިއްޔާއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދަނީ ޤައުމީ ފެންވަރުގައި މަސައްކަތްކުރާ ފަރާތްތަކާއި ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅުވައިދިނުމަށްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އަލަށް އުފައްދާ އަންހެން ވިޔަފާރިވެރިންގެ ޖަމުޢިއްޔާއަކީ އިކޮނޮމިކް މިނިސްޓްރީން އެންޑޯޒްކޮށްފައިވާ ޖަމުޢިއްޔާއަކަށްވާއިރު މި ޖަމުޢިއްޔާ އުފެއްދުމަށް ބޭނުންވާ ހިންގާ ޤަވާއިދު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ނަމަވެސް އަންހެން ވިޔަފާރިވެރިންގެ ތަރައްޤީއަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއް އުފެއްދުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދިޔަސް، 2016 ވަނަ އަހަރު އުފައްދާފައި އޮތް "މޯލްޑިވްސް ވިމެންސް ޗެމްބަރ އޮފް ކޮމާރސް" އުވާލުމަށް އެމިނިސްޓްރީން އަންގާފައިނުވާކަމަށާއި، އެ ޖަމުޢިއްޔާ ހިންގުމަށް އެއްވެސް ހުރަހެއް ނެތްކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.