ޚަބަރު

ހެލްމެޓުގެ ސައިޒު ދިމާނުވާ ފަރާތްތަކަށް އަލުން ހެލްމެޓު ދޭން ނިންމައިފި


ހެލްމެޓް ބެހުމަށް ހިންގި ޕްރޮގްރާމުގައި، ބޭނުންވާ ސައިޒުގެ ހެލްމެޓް ނުލިބުނު ފަރާތްތަކަށް އަލުން ބޭނުންވާ ސައިޒުގެ ހެލްމެޓް ދޭން ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.

މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން މަޢަލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަ ކެމްޕެއިނެއް ފަށައި އެ ކެމްޕެއިނުގެ ދަށުން 5000 ހެލްމެޓް ހިލޭ ބެހުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ފުއްދުމަށް ކަނޑައަޅާފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން މާލެއަށް ބެހުމަށް ނިންމި 2500 ހެލްމެޓް މިހާރުވަނީ ބަހާ ނިމިފައެވެ.

ރާއްޖޭގެ ރަށްރަށުގައި 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވުމަށް ކަނޑައަޅާފައިވާ މަގުތަކުގައި، ދުއްވާ ފަރާތްތަކުން ހެލްމެޓް އެޅުމަކީ ޓްރާންސްޕޯޓް ޤާނޫނުގައި ލާޒިމުކުރާކަމެކެވެ. މިކަމަށް އާއްމުން ހޭލުންތެރިކޮށް އެކަމަށް ބާރުއެޅުމަށް ސަރުކާރުން ހިލޭ 5000 ހެލްމެޓް ބެހަން ނިންމާފައިވާއިރު، މީގެތެރެއިން މާލެއަށް ބެހުމަށް ނިންމި 3000 ހެލްމެޓްގެ ތެރެއިން 2500 ހެލްމެޓް މިހާރުވަނީ ބަހާ ނިމިފައެވެ. މި ހެލްމެޓުތައް ބަހާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް ބޭއްވި ޚާއްޞަ ސެޝަންތަކެއްގައެވެ.

މިކަމާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުޙައްމަދު ރަފީއު ވިދާޅުވީ މި ޕްރޮގްރާމަށް ޢާންމުންގެ ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ. އަދި ބައެއް މީހުންނަށް މި ޕްރޮގްރާމުގައި ދިން ހެލްމެޓުތަކުގެ ސައިޒު ދިމާނުވުމުގެ ޝަކުވާތަކެއް ހުށަހެޅިފައިވާކަމަށެވެ. އެހެންކަމުން އެފަރާތްތަކަށް އަލުން ހެލްމެޓު ބަދަލުކުރަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ހެލްމެޓްގެ އިތުރު ޝިޕްމަންޓެއް އެބަ ގެންނަން. ހެލްމެޓްގެ ސައިޒު ކުޑަކުރަން ނުވަތަ ބޮޑު ކުރަން ބޭނުންވާ މީހުންނަށް ސައިޒު ބަދަލުކޮށްދޭނަން" ރަފީއު ވިދާޅުވިއެވެ.

ހެލްމެޓް ބެހުމަށްޓަކައި މަޢުލޫމާތު ދިނުމުގެ 9 ސެޝަން ޓްރާންސްޕޯޓް މިނިސްޓްރީއިންވަނީ ކުރިއަށް ގެންގޮސްފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް ބޭނުންކުރުން މަޖުބޫރުކޮށްފައެވެ. އަދި އެފަދަ މަގުތަކުގައި ވެހިކަލް ދުއްވާއިރު ބޭނުންކުރެވޭނީ ޓްރާންސްޕޯޓް މިނިސްޓްރީއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ހެލްމެޓް އެކަނި ކަމަށްވެސް މިނިސްޓްރީއިން ވިދާޅުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުޙައްމަދު ރަފީއު ވިދާޅުވީ މި ޕްރޮގްރާމްގެތެރެއިން 500 ހެލްމެޓް ބެހުމަށް ނިންމާފައިވަނީ ސްކޫލް ދަރިވަރުންނަށް ކަމަށެވެ. އެގޮތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރުކަމާ ގުޅޭގޮތުން ސްކޫލްކުދިންނަށް މަޢުލޫމާތި ދިނުމަށްވެސް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މި ހެލްމެޓްތައް ބެހުމުގެ މަސައްކަތް ޔުނިސެފާއި ގުޅިގެން ވަރަށް އަވަހަށް ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވިދާޅުވެއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުގެ ދަށުން ބެހުމަށް ނިންމާފައިވާ 5000 ހެލްމެޓް ބެހުމުގެ މަސައްކަތުގެ ތެރެއިން 2000 ހެލްމެޓް ބެހުމަށް ޖަމަޖެހިފައިވަނީ އައްޑޫ ސިޓީއާއި ލ އަތޮޅު ލިންކް ރޯޑް ބޭނުންކުރާ ފަރާތްތަކަށެވެ.
ޓްރާންސްޕޯޓް ޤާނޫނުގެދަށުން އައްޑޫ ސިޓީއާއި ލ އަތޮޅު ލިންކް ރޯޑްގައިވެސް ހެލްމެޓް ބޭނުންކުރުން ލާޒިމުކުރެއެވެ.