ވިޔަފާރި

ނެޝަނަލް އެޗް.އާރު ކޮންވެންޝަން އެންޑް އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފި


ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ހިއުމަން ރިސޯސްގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، ގާތްގަނޑަކަށް ހަތަރު ސަތޭކައެއްހާ މީހުން މިއެކްސްޕޯގައި ވަނީ ބައިވެރިވެފައެވެ.

"ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ" ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަކަށް ބޭއްވި މި އެކްސްޕޯ ކުރިއަށްދިޔައީ ދަރުބާރުގޭގައެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް، މާޕްއިން އިންތިޒާމްކޮށްގެން ދަރުބާރުގޭގައި ކުރިއަށްގެންދިޔަ ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯއަކީ އެޗް.އާރް ޕްރޮފެޝަނަލުންނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އިވެންޓެވެ.

މި އެކްސްޕޯގައި އޭޝިއާ ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ އަދި އިތުބާރުހުރި އެޗް.އާރް ލީޑަރުންނާއި ފަންނުވެރިންގެ ފަރާތުން، މައުލޫމާތާއި ރޭވުންތަކާއި އީޖާދީ އަދި އެންމެ ރަނގަޅު ޕްރެކްޓިސްތައް ވަނީ ހިއްސާކޮށްފައެވެ.

މިއަހަރުގެ އެޗްއާރު އެކްސްޕޯ އާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މާޕްގެ ރައީސް ހުސެއިން އަފީފް ވިދާޅުވީ، މި އެކްސްޕޯ މެދުވެރިކޮށް ބައިވެރިންނަށް ގިނަ މައުލޫމާތުތަކެއް ދެވިފައިވާ ކަމަށެވެ.

"އެޗްއާރު ޕްރޮފެޝަނަލްސްގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައި، މިފަދަ އެކްސްޕޯއަކީ ރާއްޖެއަށް ވަރަށް މުޙިއްމު އެކްސްޕޯއެއް، ވަރަށް ގިނަ ފަރާތްތަކެއްގެ ބޭނުންވެފައި ތިބީ މިފަދަ އެކްސްޕޯއަކަށް" އަފީފް ވިދާޅުވިއެވެ.

މިއަހަރުގެ އެޗް.އާރު އެކްސްޕޯގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކަކުން ބައިވެރިވިއެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުންވެސް ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވިއެވެ. އެކްސްޕޯގެ ބައިވެރިންވެސް ވަނީ ފައިދާ ހުރި ގިނަ މައުލޫމާތުތަކެއް އެކްސްޕޯގެ ތެރެއިން ލިބިގެންދިޔަކަން ފާހަގަކޮށްފައެވެ.

މިއަހަރުގެ އެކްސްޕޯ ނިންމާލާފައިވާއިރު، އަންނަ އަހަރުގެ މާޗުމަހު ދެވަނަ ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ބޭއްވުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސްއިން ބުނެއެވެ. އަދި ކޮންމެ މަހަކުވެސް މާޕްގެ އެކި އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް މާޕްއިން ވަނީ ނިންމާފައެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް، މާޕް އަކީ ހިއުމަން ރިސޯސް ދާއިރާއިން ވިޔަފާރިވެރިން ބިނާކުރުމަށް ރާއްޖޭގައި އުފެއްދި ފުރަތަމަ ޖަމުޢިއްޔާއެވެ. އެޖަމުޢިއްޔާއިން ދަނީ އެޗް.އާރު ދާއިރާއިން ޒުވާނުން ހޭލުންތެރިކުރުވުމަށްޓަކައި ސިލްސިލާކޮށް ވޯކްޝޮޕްތަކާއި ފޯރަމްތައް ބާއްވަމުންނެވެ.