ޚަބަރު

އެމްޑީޕީގެ ކަންބޮޑުވުމާއެކު އީސީއަށް މެންބަަރަކު އައްޔަން ކުރުން ފަސްކޮށްފި


އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް އެޖެންޑާ ކުރާނީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފޮނުވި ރިޕޯޓާމެދު އެމްޑީޕީން އުފެއްދި ކަންބޮޑުވުން ތަކުގެ މައްސަލަ ބެލުމަށްފަހު ކަމަށް މަޖިލީހުގެ ރިޔާސަތުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މިގޮތަށް ނިންމަވާފައި މިވަނީ އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފޮނުވި ރިޕޯޓާމެދު ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ދައުރު ހަމަވާތީ އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ނަން ހުށަހެޅި 16 ބޭފުޅެއްގެ ނަން ދިރާސާކޮށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފޮނުވި ރިޕޯޓްގައި، އީސީގެ މެންބަރަކަށް ހުންނެވި އިސްމާއިލް ހަބީބަށް އެންމެ މަތިން މާކްސް ލިބިފައިވާއިރު ދެވަނަ އަށް އެންމެ ގިނަ މާކްސް ލިބުނީ، އަޙްމަދް މޫސާއަށެވެ. މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ރިޕޯޓް ހުށަހަޅާފައި ވަނީ ވޯޓަށް އަހައިގެން އެ ބޭފުޅުންނަށް ރުހުން ހޯދުމަށެވެ.

އީސީއަށް މެމްބަރަކު އައްޔަންކުރަން ވޯޓަށް އެހުން މިއަދުގެ ޖަލްސާއަށް ތާވަލްކުރިނަމަވެސް މަޖިލީހުގެ ރިޔާސާތުން ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފޮނުވި ރިޕޯޓާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ އެމްޑީޕީން ސިޓީއެއް ފޮނުވާފައި ވާތީ އެ މައްސަލަ ބެލުމަށްފަހު ނޫނީ އީސީއަށް މެންބަރު އައްޔަން ކުރަން ވޯޓަށް ނާހާނެ ކަމަށް އިއުލާން ކުރައްވާފައެވެ.

އީސީއަށް މެމްބަރަކު އައްޔަން ކުރުމަށް އެކުލަވާލި ރިޕޯޓުގައި ކަންބޮޑުވުންތަކެއް ހުރި ކަމަށް ވިދާޅުވެ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް މަޖިލީހުގެ ތަޅުމަށް ފޮނުއްވި ސިޓީގައި ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން މަޖިލީހުގެ ފްލޯއަށް ފޮނުވި ރިޕޯޓަކީ އެ ކޮމިޓީން ފާސްކުރި ރިޕޯޓް ނޫން ކަމަށް ވިދާޅުވެފައެވެ.

އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކޮމިޝަނުގެ މެމްބަރަކަށް މިހާރު ހުންނެވި އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީ. އޭނާގެ ދައުރު އަންނަ މަހަށް ހަމަވާއިރު، އީސީގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.