ތިން ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓު ބަދަލުކޮށްފިއެވެ.
ޖުޑީޝަލް ޝާރވިސް ކޮމިޝަން، ޖޭއެސްސީން މި ބަދަލު ގެނެސްފައިވަނީ ފެމެލީ ކޯޓުގައި ތިއްބެވި ތިން ފަނޑިޔާރުންނަށެވެ. އެގޮތުން އެ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރެއްވި މުޙައްމަދު ސަމީރާއި އަޙްމަދު ޝަކީލް ވަނީ ކްރިމިނަލް ކޯޓަށް ބަދަލުކުރައްވާފައެވެ. އަދި ފަނޑިޔާރު ޙަސަން ޝަފީއު ބަދަލު ކުރައްވާފައި ވަނީ ސިވިލް ކޯޓަށެވެ.
ޖޭއެސްސީން ވިދާޅުވީ ސުޕީރިއަރ ކޯޓުތަކުގައި މަސައްކަތް ކުރެއްވި މި 3 ފަނޑިޔާރުންގެ މަސައްކަތްތައް އެހެން ކޯޓު ތަކަކަށް ބަދަލުކުރައްވާފައިވަނީ އިއްޔެ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
ޖޭއެސްސީން ބަދަލުކުރެއްވި ތިން ފަނޑިޔާރުންނަކީވެސް 2015 ވަނަ އަހަރުގެ މާރޗްމަހުން ފެށިގެން
ސުޕީރިއަރ ކޯޓުތަކުގައި މަސައްކަތް ކުރެއްވި 3 ފަނޑިޔާރުން ކަމަށާއި އެ ބޭފުޅުންގެ މަސައްކަތްތައް އެހެން ކޯޓުތަކަށް ބަދަލުކުރައްވަން ނިންމެވީ ފަނޑިޔާރުންގެ ގާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ކަމަށްވެސް ޖޭއެސްސީ ވިދާޅުވެއެވެ.
ކްރިމިނަލް ކޯޓަށް ބަދަލުކުރެއްވި ޝަކީލަކީ ކުރިންވެސް އެ ކޯޓުގައި މަސައްކަތް ކުރެއްވި ޤާޒީއެކެވެ. ކްރިމިނަލް ކޯޓުގައި ހުންނަވަނިކޮށް އޭނާ ކުއްލި ގޮތަކަށް ފެމިލީ ކޯޓަށް ބަދަލުކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލައެއް އެ ކޯޓުން ބޭރުކޮށްލުމާއި ގުޅިގެންނެވެ.
ޖުޑީޝަން ޝާވިސް ކޮމިޝަން، ޖޭއެސްސީން މިދިޔަ މަހުވެސް ވަނީ 3 ޤާޒީއަކު އެހެން ކޯޓުތަކަށް ބަދަލުކޮށްފައެވެ. އެގޮތުން ސިވިލް ކޯޓުގެ ޤާޒީ ހުޞައިން ފާއިޒް ރަޝީދާއި ޑްރަގް ކޯޓުގެ ގާޒީ ޢަލީ ރަޝީދު ކްރިމިނަލް ކޯޓަށް ބަދަލުކުރައްވައި ކްރިމިނަލް ކޯޓުގެ ގާޒީ އަދާމް އާރިފް ޑްރަގް ކޯޓަށް ބަދަލުކުރެއްވިއެވެ.