ސިޔާސީ

ހޯމް މިނިސްޓަރގެ އަމުރަކީ ގާނޫނާއި ޚިލާފު އަމުރެއް- އެމްޑީޕީ


ރޭގަނޑު ބާއްވާ މުޒާހަރާތަކުގައި އެގާރައިގެފަހުން އަޑުގަދަކުރާ ބޭނުންކުރުން މަނާކުރުމަށް ފުލުހުންނަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ނެރުއްވި އަމުރަކީ، އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނާއި ޚިލާފަށް ހަނިކުރެއްވުންކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަން އެމްޑީޕީން ހާމަކޮށްފިއެވެ.އެޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލޭގެ މަގުމަތީގައި އެމްޑީޕީން ބާއްވަމުންދާ އެއްވުންތަކަކީ ސުލްހަވެރި އެއްވުން ތަކެއްކަމަށެވެ.އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ގޮތުން ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމަށް ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ލިބިގެންވާ އެންމެ ވަރުގަދަ ވަސީލަތްކަމަށާއި އެ ވަސީލަތް ހުޅުވިގެންވާ މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ބޭނުންކުރާ އެންމެ ފުޅާމިނުގައި ބޭނުންކުރުމުގެ ޙައްޤު ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވީ ނަމަވެސް، ސަރުކާރުން އެ ޙައްޤު ތަކުރާރުކޮށް ހަނިކުރަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރާކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ކުރިން 12 ޖަހާއިރު އަޑުގަދަކުރާ ނިއްވާލަން އޮންނަ އުސޫލަށް ބަދަލު ގެނެސް އެ ގަޑި އެގާރައަށް އަވަސްކުރީ،  އާންމުން ހަމަޖެހިލައިގެން  ނިދާލުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.މިނިސްޓަރ ވިދާޅުވީ، އެގާރަ ޖަހާއިރ އަޑުގަދަކުރާ ނިއްވާލަން ޖެހެނީ މަގުމަތީގައި ބާއްވާ މުޒާހަރާ ތަކުގައި ކަމަށާއި، ރަސްމީކޮށް އެކިފަރާތްތަކުން ބާއްވާ ޖަލްސާ ތަކުގައި އެގާރައިގެ ފަހުންވެސް އަޑުގަދަކުރާ ބޭނުން ކުރެވޭނެކަމަށެވެ.