ޚަބަރު

ބުދުތައް އެތެރެކުރަން އުޅުނީ ސުލްޙަވެރި އެއްވުމަކަށް


ސުލްޙަވެރި އެއްވުމެއްގައި ބޭނުންކުރަން ކަމަށްބުނެ ރާއްޖެއަށް އެތެރެކުރަން އުޅުނު ބުދުތަކެއް ކަސްޓަމްސް އިން ހިފަހައްޓައިފިއެވެ.

ކަސްޓަމްސް އިން ވިދާޅުވެފައިވަނީ މި ބުދުތައް ރާއްޖެއަށް އެތެރެކުރަން މަސައްކަތްކޮށްފައިވަނީ މި މަހުގެ 3 ވަނަ ދުވަހު ޓޫރިސްޓް ވިސާގައި އިންޑިއާއިން ރާއްޖެއައަށް އައި އެ ޤައުމުގެ 4 މީހެއްކަމަށެވެ. އަދި މި ބުދުތަކާއެކު މި 4 މީހުން މިހާރު އިންޑިއާއަށް ފޮނުވާލާފައިވާކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވެއެވެ.

މި ބުދުތައް އެތެރެކުރަން އުޅުނުކަން އެނގިފައިވަނީ މިމީހުން ގެނައި ލަގެޖުތައް އެކްސްރޭކުރުމުން ބުދުތަކެއް ހުރިކަމަށް ޝައްކު ކުރެވިގެން އެ ލަގެޖުތައް އިތުރަށް ފާސްކުރުމުން ކަމަށް ކަސްޓަމްސް އިިން މަޢުލޫމާތުދެއްވައެވެ. އެގޮތުން އެމީހުން ގެނައި 13 ލަގެޖު ފާސްކުރިއިރު އަޅުކަންކުރަން ގެންގުޅޭ ޒާތުގެ އެކި ސައިޒުގެ 28 ބުދު ފެނިފައިވާކަމަށް ކަސްޓަމްސް އިން މަޢުލޫމާތުދެއްވައެވެ.

ރާއްޖޭގެ ޤާނޫނު ބުނާގޮތުން އަޅުކަން ކުރުމަށް ބޭނުންކުރާ ބުދު ރާއްޖެ އެތެރެކުރުމަކީ މަނާކަމެކެވެ. އަދި މިފަދަ ތަކެތި އެތެރެކުރާ ފަރާތްތައް ކަސްޓަމްސް އިން ހިފެހެއްޓިނަމަވެސް، އެމީހުން ރާއްޖެއިން އަނބުރާދާއިރު އެތަކެތި ގެންދަން ބޭނުންނަމަ އެ ފުރުޞަތު ކަސްޓަމްސްގެ އާންމު ޤަވާއިދުގެ ދަށުން ލިބިދެއެވެ. އެހެންކަމުން ރައްޖެއަށް އެތެެރެކުރަން އުޅުނު ބުދުތަކާއެކު އިންޑިއާގެ އެ 4 ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވާލާފައިވަނީ ޤާނޫނާ އެއްގޮތަށެވެ.