ވިޔަފާރި

ރާއްޖޭގައި އިންކަމް ޓެކްސް ނެގުމަކީ މުހިއްމުކަމެއް- އައި.އެމް.އެފް


ރާއްޖޭގައި އިންކަމް ޓެކްސް ނެގުން މުހިއްމުކަމަށާއި އެކަމަށް ތާޢީދުކުރާކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފުން ހާމަކޮށްފިއެވެ.

އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައިއެމްއެފްއިން އޭޝިއާ ޕެސިފިކްއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޑިވިޝަން ޗީފް، ފިލީޕް ކަރަމް ވިދާޅުވީ އިންކަމް ޓެކްސްއަކީ އިޤްތިސާދަށް ފައިދާކުރާ ޓެކްސްއަކަށް ވުމާއެކު މި ބާވަތުގެ ޓެކްސް ނެގުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި މީގެ ސަބަނުން ޤައުމުގެ އިޤްތިސާދީ ހާލަތު ދެނެގަތުމަށް ފަސޭހަވެ ފަރުދުންގެ އާމްދަނީގެ ފަރަގު ދެނެގަނެވޭނެކަމަށް ވެސް ފިލިޕް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދެއްކެވި އައިއެމްއެފްގެ ތަޖުރިބާކާރުންވެސް ވަނީ އިންކަމް ޓެކްސްގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޤައުމުގެ ދަރަނި ކުޑަކޮށް އާމްދަނީ އިތުރުކުރުމަށްޓަކައި ރާއްޖެއިން އިންކަމް ޓެކްސް ނެގުމަކީ މުހިއްމުކަމެއްކަމަށް އެބޭފުޅުން ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް އިންކަމް ޓެކްސް ތަޢާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙްގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން މަހަކު 60 ހާހާއި 100 ހާސް ރުފިޔާ ލިބޭ ފަރުދުންގެ އަތުން 3.5 އިންސައްތައަށް އިންކަމް ޓެކްސް ނެގުމަށާއި މަހަކު 100 ހާހާއި 150 ހާސް ރުފިޔާ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި އާމްދަނީގެ 6.5 އިންސައްތަ ނެގުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލްގައި ބަޔާންކޮށްފައިވެއެވެ.