ޚަބަރު

ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދެވޭނީ ފުލުހުންގެ މުވައްސަސާ ހަރުދަނާވުމުން - ހޯމް މިނިސްޓަރ


ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށް، ރައްކާތެރިކޮށްދެވޭނީ ފުލުހުންގެ މުވައްސަސާ ހަރުދަނާކުރެވުނު މިންވަރަކުންކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓަރ މިހެން ވިދާޅުވީ ޕޮލިސް ރީފޯރމް ސިމްޕޯޒިއަމް 2019 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޕޮލިސް ރީފޯރމް ސިމްޕޯޒިއަމް 2019 އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ މި ސިމްޕޯޒިއަމަކީ ރައްޔިތުންނާއި ފުލުހުންނާއި ދެމެދު އޮތް ގުޅުން ހަރުދަނާކުރެވޭނެ މަގު ތަނަވަސްކުރުމަށް ބާރު އަޅާ، ރަނގަޅު ޚިޔާލާ މަޝްވަރާތަކެއް މި ސިމްޕޯޒިއަމްގެ ތެރެއިން ފާހަގަކުރެވިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި ފުލުހުންނަކީ ރައްޔިތުންގެ މައްޗަށް ގަދަބާރު ހިންގަން ތިބޭ ބައެއް ނޫންކަން ހަނދާންކޮށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް ކުރާ މަސައްކަތެއްކަން ހަނދާންކޮށްގެން ކުރިއަށްދިއުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ. ފުލުހުންގެ ތެރޭގައި ޤާބިލު މީހުން ތިބިކަން ފާހަގަކުރައްވާ ހޯމް މިނިސްޓަރ ވިދާޅުވީ ފުލުހުންނަށް ބޭނުންވަނީ ނުފޫޒުން އެއްކިބާވެ، މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މާޙައުލެއްކަމަށެވެ. އަދި އެކަން މި ސަރުކާރުން ފަހިކޮށްދެއްވާނެކަމަށް ވެސް މިނިސްޓަރ ޔަޤީންކަން ދެއްވިއެވެ.

މީގެ އިތުރުން، ހޯމް މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފުލުހުންގެ މުވައްސަސާއަކީ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމު ލިބިގެން މަސައްކަތްކުރާ މުވައްސަސާއަކަށް ހެދުންކަމަށެވެ. އަދި މިހާރު ފަށާފައިވާ ޕޮލިސް ރީފޯރމް މަސައްކަތް ނިމޭއިރު މިކަން ޙާސިލުވާނެކަމަށް ޤަބޫލުކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ފުލުހުން އަދާކޮށްފައިވަނީ ދަތި އުނދަގޫ މަސްޢޫލިއްޔަތުތަކެއް ކަމަށާއި ފުލުހުން ކުރާ ބުރަ މަސައްކަތުގެ ޝަރަފު ނުލިބި އިތުރު ބަދުނާމެއް ފުލުހުން އުފުލަންޖެހުމަކީ ހިތާމަކުރައްވާކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންނަކީ ޤާނޫނު ތަންފީޒުކުރުމުގެ ބާރު ލިބިގެންވާ ބައެއްކަމަށާއި ނަމަވެސް ރައްޔިތުންނާ ކުރިމަތި ލާންވާނީ އޯގާވެރިކަމާއި ހަމްދަރުދީއާއެކުކަން ތަކުރާރުކުރައްވާ މިނިސްޓަރ ވިދާޅުވީ އެއީ ބަލިކަށިވުންކަމަށް ޤަބޫލުނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް ދެމުންދަނީ އަސާސީ ބައެއް ޚިދުމަތްތައް ފުލުހުންނަށް ނުލިބިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރައްޔިތުންގެ ޚިދުމަތުގައި އަތްވާ ވާރޭގައި ފުލުހުން މަސައްކަތްކުރާ މަންޒަރު ވަރަށް ގާތުން ފެނިވަޑައިގެންފައިވާކަމާއި މިއީ ސަރުކާރާއި ރައްޔިތުންވެސް ބަލައިގަންނަން ޖެހޭ ޚިދުމަތެއްކަމަށެވެ.

"ޕޮލިސް ރިފޯމް ސިމްޕޯޒިއަމް"ގެ ނަމުގައި ކުރިއަށްގެންދާ ފުލުހުންގެ މުވައްސަސާ އިސްލާޙުކުރުމުގެ މަސައްކަތަކީ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ފުލުހުންގެ މުވައްސަސާ އިސްލާޙުކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ. އަދި މީގެ އިތުރު ސިމްޕޯޒއަމްތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދަން ރާވާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.