ޑިމޮކްރެޓިކް ވެއްޓެއްގައި ރައްޔިތުންގެ ޙައްގުތައް ކަށަވަރުކޮށްދީ ބަދަލުވަމުންދާ ކުށުގެ މާޙައުލެއްގައި ރައްޔިތުން ރައްކާތެރިކޮށްދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު ފުލުހުންގެ މަސައްކަތް މިހާތަނަށް ބައްޓަންވެފައިވަނީ އެކަމަށް އެންމެ އެކަށީގެންވާ ގޮތުގައި ނޫންކަން ޤަބޫލުކުރައްވާކަމަށް އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
"ޕޮލިސް ރިފޯރމް ސިމްޕޯޒިއަމް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކުރަން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށާ ޒަމާނީ ޑިމޮކްރެޓިކް ވެއްޓެއްގައި ރައްޔިތުންގެ ޙައްގުތަށް ކަށަވަރުކޮށްދީ، ބަދަލުވަމުންދާ ކުށުގެ މާހައުލެއްގައި ރައްޔިތުން ރައްކާތެރިކުމަށްޓަކައި ފުލުހުން ކުރާ މަސައްކަތަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ.
މި ގޮންޖެހުންތަކާއެކު ފުލުހުންގެ މަސައްކަތްތައް ބައްޓަންވެފައިވަނީ އެންމެ އެކަށީގެންވާގޮތުގައި ނޫންކަމަށާއި އެސިފަ ދިވެހި ފުލުހުންގެ ކިބައިގައި އެންމެއެކަށީގެންވާ މިންވަރަށް ނެތްކަން ޤަބޫލުކުރައްވާކަމަށް ޙަމީދު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ކިބައިން ފުލުހުން ހޯދަން ޖެހޭ އިތުބާރާއި ޔަޤީންކަން ހޯދުމަށް ކުރަންޖެހޭ މަސައްކަތް މިހާތަނަށް އެންމެ ފުރިހަމަގޮތުގައި ނުކުރެވޭކަމަށް ޤަބޫލުކުރައްވާކަމަށްވެސް އެކްޓިން ކޮމިޝަނަރ ވިދާޅުވިއެވެ.
އެކްޓިން ކޮމިޝަނަރގެ ވާހަކަފުޅުގައިވަނީ ފުލުހުންނަކީ ރައްޔިތުންގެ ޙައްގުގައި މަސައްކަތްކުރާ އަދި ރައްޔިތުން ފުލުހުންނާއި ޙަވާލުކޮށްފައިވާ ޤާނޫނީ މަސްއޫލިއްޔަތު އަދާކޮށް އެކަމަށް ޖަވާބުދާރީވަންޖެހޭ ބައެއްކަން ހެޔޮހިތުން ޤަބޫލުކުރަންޖެހޭކަމަށްވެސް އެކްޓިންގ ކޮމިޝަނަރ ވިދާޅުވިއެވެ. "ޕޮލިސް ރީފޯރމް ސިމްޕޯޒިއަމަކީ" ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ކުރިއަށްއޮތް 5އަހަރަށް އެކުލަވާލާ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގައި ރައްޔިތުންގެ ޚިޔާލު ހޯދައި އެކި މުއައްސަސާތަކާއި ޢާއްމުންގެ ހޯދުމަށް އެއްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މަހާސިންތާއެކެވެ.
ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން އެކިދާއިރާތަކުން ކަރުދާސްތަކެއް ހުށައަޅައިގެން އެއަށް މަޝްވަރާކޮށް ކުރިއަށް އޮތް 5 އަހަރަށް ފުލުހުންގެ މަސައްކަތްތައް ބައްޓަން ކުރާނެގޮތުގެ ޕްލޭނެއް މިމަހާސިންތާގައި އެކުލަވާލުމަށްވަނީ ހަމަޖައްސާފައެވެ. މިމަހާސިންތާގައި ރައްޔިތުންނާގާތުން ފުލުހުންގެ މަސއްކަތްތައް ބައްޓަންކޮށް ރައްޔިތުންގެ އިތުބާރު ހޯދުމުގެ މަސައްކަތްކުރަންވަނީ ހަމަޖެހިފައެވެ.