ޚަބަރު

ސްޕެޝަލް އޮލީމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތްލީޓުންނަށް ޖާސީ ހަވާލުކޮށްފި


ދުބާއީގައި މިމަހު އޮންނަ ސްޕެޝަލް އޮލީމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ އެތްލީޓުންނަށް ޖާސީ ހަވަލުކޮށްފިއެވެ.

އެތްލީޓުންނަށް ޖާސީ ހަވާލުކޮށްދެއްވީ މިކަމަށްޓަކާ ޔޫތް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި، އެކްޓިން ޔޫތް މިނިސްޓާރ ޢަލީ ވަހީދެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓާ ޢަލީ ވަހީދު ވިދާޅުވީ، މިއީ ރާއްޖެއިން ސްޕެޝަލް އޮލީމްޕިކްސްގައި ގައުމު ތަމްސީލުކުރާ ފުރަތަމަ ފަހަރުކަމަށް ވުމުން، އެކަމާ އުފާކުރައްވާ ކަމަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ބައިނަލްއަގްވާމީ ފެންވަރުގައި ގައުމު ތަމްސީލު ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މިއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން ކުރަން ޖެހޭކަމެއް، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ކުޅިވަރުގައި ބައިވެރިވެވެން ޖެހޭ، އަދި ބައިނަލް އަގްވާމީ ފެންވަރުގައި ގައުމު ތަމްސީލު ކުރަން ފުރުސަތުވެސް ލިބެން ޖެހޭ، އެއީ އަޅުގަނޑުމެންނަށްވެސް، އަދި އެކުދިންނަށްވެސް ލިބޭނެ ޝަރަފެއް،" މިނިސްޓާ ޢަލީ ވަހީދު ވިދާޅުވިއެވެ.

ދުނިޔޭގެ 190 އަށްވުރެ ގިނަ ގައުމުން، 7500އަށްވުރެ ގިނަ އެތްލީޓުން ވާދަކުރާ މި ކުޅިވަރު އީދުގައި ރާއްޖެއިން ބައިވެރިވާނީ، ސްޓޭންޑިން ލޯންގް ޖަމްޕް އާއި، 50 މީޓަރާއި، 100 މީޓަރު، އަދި 200 މީޓަރު ދުވުމުގައެވެ.