ޚަބަރު

އެފްއައިވީބީ އިންޓަނޭޝަނަލް ވޮލީބޯލް ކޯޗިން ލެވެލް 2 ކޯހުގައި ރާއްޖޭގެ 5 ކޯޗުން ބައިވެރި ވެއްޖެ



އެފްއައިވީބީ އިންޓަނޭޝަނަލް ވޮލީބޯލް ކޯޗިން ލެވެލް 2 ކޯހުގައި ރާއްޖޭގެ 5 ކޯޗުން ބައިވެރި ވެއްޖެއެވެ.

މިމަހުގެ 14އިން 18އަށް ތައިލޭންޑުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ރާއްޖެއިން ބައިވެރިވާ ފަސް ކޯޗުންނަކީ، ގައުމީ ސީނިއާ ފިރިހެން ވޮލީ ޓީމުގެ ހެޑްކޯޗް، މުޙައްމަދު ސާޖިދާއި، ގައުމީ ސީނިއާ އަންހެން ވޮލީޓީމުގެ ކޯޗް އިބްރާހިމް ރަޝީދާއި، ގައުމީ ސީނިއާ ފިރިހެން ވޮލީޓީމުގެ އެސިސްޓަންޓް ކޯޗް މުޙައްމަދު ރިޝްވާން އާއި، ސޮފްވާން އަހުމަދުގެ އިތުރުން، އިބްރާހިމް ފަލާހެވެ.

މި ފަސް ކޯޗުންނަށް ކޯހުގައި ބައިވެރިވާ ކަމުގެ ލިޔުން ހަވާލުކުރެއްވުމަށް ޔޫތް މިނިޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކްޓިން ޔޫތް މިނިސްޓާ ޢަލީ ވަހީދު ވިދާޅުވީ، ވޮލީބޯޅަ ކުރިއެރުވުމަށް އެސޯސިއޭޝަނުން ކުރާ މަސައްކަތް މިނިސްޓްރީއިން ފުރިހަމައަށް ބަލައިގަންނަ ކަމަށާއި، މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރާނީ ހުރިހާ ކުޅިވަރަކަށްވެސް ހަމަހަމައަށް އެއްބާރުލުން ދީގެން ކުޅިވަރު ކުރިއެރުވުމަށް ކަމަށެވެ.

"އެނގިވަޑާއިގަންންވާނެ މިހާރު ރައްޖޭގެ ކުޅިވަރުތަށް އޮތް ހާލު، ވަރަށް ދަށް ހާލަތެއްގަ މި އޮންނަނީ، ވޮލީބޯޅަ ކުރިއަރުވަން އެސޯސިއޭޝަނުން ކުރާ މަސައްކަތް އަޅުގަނޑުމެން ބަލައިގަންނަން،" މިނިސްޓާ ޢަލީ ވަހީދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވޮލީބޯޅަ އެސޯސިއޭޝަންގެ ރަޢީސް މުޙައްމަދު ލަތީފް ވިދާޅުވީ، މިއީ ވޮލީބޯޅަ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށާއި، ވޮލީބޯޅަ އެސޯސިއޭޝަންގެ މަސައްކަތްތަށް ކުރުމަށް މިނިސްޓްރީގެ ފަރާތުން އަބަދުވެސް ފުރިހަމަ އެއްބާރުލުން ލިބޭކަމަށެވެ.

"މިއީ ރާއްޖޭގެ އެންމެ ގިނަ ކޯޗުން މިކޯހުގައި ބައިވެރިވާ ފަހަރު، އެހެންކަމުން މިއީ ވޮލީބޯޅަ އިތުރު ހަރުފަތަކަށް ގެންދިއުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" އެސޯސިއޭޝަންގެ ރަޢީސް މުޙައްމަދު ލަތީފް ވިދާޅުވިއެވެ.

މިކޯހުގައި ބައިވެރިވާ ފަސް ކޯޗުންގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވާނީ ޔޫތް މިނިސްޓްރީ އާއި ވޮލީބޯޅަ އެސޯސިއޭޝަނުންނެވެ. އަދި މިއީ މިކޯހުގައި ރާއްޖެއިން އެންމެ ގިނަ ކޯޗުން ބައިވެރިވާ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.