ވިޔަފާރި

ސްރީލަންކާގެ ރެއަލް އެސްޓޭޓް މާކެޓާއި ބެހޭގޮތުން ރާއްޖޭގެ އިންވެސްޓަރުންނަށް މައުލޫމާތުދީފި


ސްރީލަންކާގެ ރެއަލް އެސްޓޭޓް މާކެޓާއި ބެހޭގޮތުން ރާއްޖޭގެ އިންވެސްޓަރުންނަށް ޚާއްސަކޮށްގެން މަޢުލޫމާތުދިނުމުގެ ފޯރަމެއް ކުރިއަށް ގެންގޮސްފިއެވެ.
ހޮޓެލް ޖެންގައި އިއްޔެ ކުރިއަށްދިޔަ މި ފޯރަމް އިންތިޒާމުކޮށްފައިވަނީ، ސްރީލަންކާގެ ރިސާޗް ކުންފުންޏެއް ކަމަށްވާ "ރިސާޗް އިންޓެލިޖެންސް ޔުނިޓުންނެވެ.

ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އިންވެސްޓަރުންނަށް ޚާއްސަކޮށްގެން ކުރިއަށްދިޔަ މި ފޯރަމަކީ އިންޓަރނޭޝަނަލް އިންވެސްޓަރ ސީރީޒްގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ފޯރަމެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ރިސާރޗް އިންޓެލިޖެންސް ޔުނިޓްގެ ސިއީއޯ ރޯޝަން މަޑަވެލާ ވިދާޅުވީ ރާއްޖެއަކީ، އިޤްތިސާދީ ގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާ ޤައުމެއް ކަމަށެވެ. އަދި ރާއްޖެއާއި ގުޅިގެން މަސައްކަތްކުރުމަކީ އެކުންފުނިން އަބަދުވެސް ބޭނުންވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި ފޯރަމްއާއި ގުޅުވައިގެން ރޯޝަން ވިދާޅުވީ މިއީ ސްރީލަންކާގެ ރިއަލް އެސްޓޭޓް މާރކެޓްގައި ދިވެހިރާއްޖޭގެ އިންވެސްޓަރުންނަށް އޮތް ފުރުސަތުތަކާއި ބެހޭގޮތުން މަޢުލޫމާތުދީ ރާއްޖޭގެ އިންވެސްޓަރުންނާއި ސްރީލަންކާގެ އިންވެސްޓަރުންގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމަށްޓަކައި ބޭއްވި ފޯރަމެއް ކަމަށެވެ.

ރޯޝަން ވިދާޅުވީ ސްރީލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ ޤައުމަކަށްވެފައި ސްރީލަންކާގެ ސަރުކާރުން ބިދޭސީ މީހުންނަށް ލަންކާގައި އިންވެސްޓުކުރުމުގެ ފުރުސަތު ހުޅުވާލެވިފައި އޮތުމަކީ ދިވެހީންނަށް ވަރަށް ފަސޭހަވެގެންދާނެކަމެއް ކަމަށެވެ. މި ފުރުސަތުގައި ހިފައި ކުރިއަށްއޮތް ތަނުގައި ދިވެހި ވިޔަފާރިވެރިން ލަންކާގައި އިންވެސްޓުކުރާނެކަމަށް އުއްމީދުކުރާކަމަށް ވެސް ރޯޝަން ވިދާޅުވިއެވެ.


"ރިސާޗް އިންޓެލިޖެންސް ޔުނިޓް" އިން ކުރިއަށްގެންދިޔަ މި ފޯރަމްގައި ގިނަ އިންވެސްޓަރުން ވަނީ ބައިވެރިވެ އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ
ރާއްޖެއާއި ސްރީލަންކާއާއި ދެޤައުމުގެ ގުޅުމަކީ އަބަދުވެސް ބަދަހި ގުޅުމަކަށް ވާއިރު ސްރީލަންކާއިން ދަނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް އެޤައުމުގައި ހުރި ވިޔަފާރިކުރުމުގެ ފުރުސަތުތައް އަންގައިދެމުންނެވެ.

މީގެ ކުރިން ކޮލޮމްބޯ ސްޓޮކް އެކްސްޗޭންޖްގެ ޗެއަރމަން ރޭ އަބޭވަރަދޭނަ ވެސް ވަނީ ސްރީލަންކާގައި ދިވެހި ވިޔަފާރިވެރިންނަށް އޮތް ފަހި ފުރުސަތުތަކުގެ ވާހަކަދައްކަވާފައެވެ.