ތަޢުލީމު

ތިންވަނަ ފިޝް ކޭމްޕް ކ. ހުރާގައި ފަށައިފި


މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން އިންތިޒާމްކޮށްގެން ބާއްވާ ތިންވަނަ ފިޝް ކޭމްޕް ކ. ހުރާގައި ފަށައިފިއެވެ.މިކޭމްޕްގައި މިއަހަރު މާލޭގެ ފަސް ސްކޫލަކުން ސައުވީސް ދަރިވަރުން ބައިވެރިވެއެވެ.މިނިސްޓްރީގެ ތިންވަނަ ފިޝްކޭމްޕް ކ. ހުރާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ ސައުވީހުގެ ނިޔަލަށެވެ.އޯލެވެލް އިމްތިހާނަށް މެރިން ސައިންސް ކިޔަވަމުންދާ ކުދިންނަށް ޚާއްސަ މިކޭމްޕްގައި މިއަހަރު ބައިވެރިވެފައި ވަނީ ޖަމާލުއްދީން ސްކޫލާއި، މުހިއްޔުއްދީން ސްކޫލާއި،ހިރިޔާ ސްކޫލާއި ޣާޒީ ސްކޫލްގެ އިތުރުން އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުންނެވެ.ގްރޭޑް އަށެއް، ނުވައެއް، ދިހައެއްގެ މިދަރިވަރުންނަށް މަސްވެރިކަމާއި، މަހާގުޅުންހުރި މޫދުގެ އެކި ކަންކަން އަމިއްލައަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އެގޮތުން މިކޭމްޕްގައި ދަރިވަރުން ހޯދާ އަމަލީ ތަޖުރިބާ އެދަރިވަރުންގެ އިމްތިހާން ތަކަށާއި އާންމު ދިރިއުޅުމަށް ވެސް ބޮޑު އެހީ އަކަށް ވެގެންދާނެކަމަށް މިނިސްޓްރީން ބުނއެވެ.ތިންވަނަ ފިޝްކޭޕްގައި ބައިވެރިވާ ދަރިވަރުން ބުނީ، މި ކޭމްޕްގައި  އެކުދިންނަށް ލިބޭ ޢަމަލީ ތަޖުރިބާތަކާއިމެދު ހިތްހަމަޖެހޭ ކަމަށާއި މިއީ ތަފާތު ތަޖުރިބާއެއް ކަމަށެވެ.މި ކޭމްޕްގައި ދަރިވަރުންނަށް މަޢުލޫމާތު ދެއްވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އޮފިސަރުންނާއި މިނިސްޓްރީގެ ކަމާބެހޭ ތަޖުރިބާކާރުންނާއި މަސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ތަފާތު އެކި ފަރާތްތަކުގެ އިތުރުން މިނިސްޓްރީގެ ދަށުން ހިންގާ މެރިން ރިސާޗް ސެންޓަރުގެ ބޭފުޅުންނެވެ.